އެމެރިކާއަކީ އެއްވެސް ވަރަކަށް އިތުބާރު ހިފޭނެ ގައުމެއް ނޫންކަމަށާއި، އެމެރިކާއިން އަބަދުވެސް ބަލާނީ ހަނގުރާމައެއް ކުރެވޭތޯ ކަމަށް އީރާނުގެ ރޫހީ ލީޑަރު އާޔަތުﷲ ޢަލީ ޚާމަނާއީ ވިދާޅުވެއްޖެއެވެ.

އީރާނަށް ޒިޔާރަތް ކުރައްވަމުން ގެންދަވާ އަރުމީނިއާގެ ބޮޑުވަޒީރު ނިކޯލް ޕަޝިންޔަންއާއި ބައްދަލުކުރައްވާ ވާހަކަފުޅުދައްކަވަމުން ޚާމަނާއީ ވިދާޅުވީ، އެމެރިކާގެ ގައުމީ ސަލާމަތާއި ގުޅުން ހުރި ކަންކަމުގައި ރައީސްއަށް ލަފާއަރުވާ ޖޯލް ބޯލްޓަން ފަދަ މުޝީރުންނަކީ އެއްވެސް ވަރަކަށް އިންސާނީ ގުޅުންތައް އެނގެވަޑައިގަންނަވާ ބެފުޅުންނެއް ނޫންކަމަށެވެ.

އީރާނުން އަބަދުވެސް މަސައްކަތްކުރަނީ އަވަށްޓެރި ގައުމުތަކާއި އެކު ގާތް ގުޅުމެއް ބަދަހިކުރެވޭތޯ ކަމަށާއި، ނަމަވެސް އެމެރިކާގެ އޮފިޝަލުންނަކީ މިފަދަ ގުޅުމެއް ވިސްނިވަޑައިގަންވާ ބައެއް ނޫންކަމަށްވެސް ޚާމަނާއީ ވަނީ ތުހުމަތު ކުރައްވާފައެވެ.

އެމެރިކާއަކީ އިތުރުބާރު ގެއްލިފައިވާ ގައުމެއް ކަމަށާއި، އެމެރިކާ އަބަދުވެސް ވާހަކަ ދައްކާނީ ހަނގުރާމައާއި ހަމަނުޖެހުން އުފައްދަން ހިތްވަރުދޭފަދަ ރޫހެއްގައި ކަމަށާއި، އެމެރިކާއަކީ ދެބަސްވުންތަކާއި ކޮރަޕްޝަންގެ ގައުމެއް ކަމަށްވެސް ޚާމަނާއީ ވަނީ ސިފަކުރައްވާފައެވެ.

ޒަމާނުއްސުރެ ހަތުރުންގެ ގޮތުގައި އޮތް އެމެރިކާއާއި އީރާނުގެ ގުޅުން މިހާ ބޮޑަށް ހީނަރުވެފައި މިވަނީ، އީރާނުގެ ނިއުކްލިއާ މައްސަލައަށް ސުލްހަވެރި ހައްލެއް ހޯދުމަށް ބައިނަލްއަގުވާމީ ފެންވަރުގައި 2015 ވަނަ އަހަރު އެކުލަވާލި އެއްބަސްވުމުން މިދިޔަ އަހަރު އެމެރިކާ ވަކިވެ، އީރާނާއި ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް ތަންފީޒުކުރަން ފެށި ހިސާބުންނެވެ.