އުތުރު ކޮރެޔާއިން ނިއުކްލިއާ ހަތިޔާރު ނައްތާލުމާއި ގުޅޭ ގޮތުން އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕްއާއި އުތުރު ކޮރެޔާގެ ލީޑަރު ކިމް ޖޮންގް އުން ކުރިއަށް ގެންދަވާ ބައްދަލުވުންތަކުގެ ފަހު ދުވަހުގެ މަޝްވަރާތައް ފަށައިފިއެވެ.

ވިއެޓްނާމްގެ ހަނޯއީގައި މަޝްވަރާތައް ކުރިއަށްދާއިރު ބައިނަލްއަގުވާމީ ސަމާލުކަން ހުއްޓިފައިވަނީ، ބިނާކުރަނިވި ފިޔަވަޅުތަކެއް ކުރިއަށް އެޅިގެންދާނެ ގޮތެއްގެ މައްޗަށް ކަމަށް މައުލޫމާތު ލިބެއެވެ.

ފަހު ދުވަހުގެ މަޝްވަރާތައް ފެއްޓެވުމުގެ ކުރިން ވާހަކަފުޅު ދައްކަވަމުން ޓްރަމްޕް ވިދާޅުވީ، އަވަސްއަރުވާލައްވައިގެން ނުއުޅުއްވާ ކަމަށާއި، ބޭނުންފުޅުވަނީ ރަނގަޅު އެއްބަސްވުމެއް ކަމަށެވެ. އުތުރު ކޮރެޔާގެ ލީޑަރު ވިދާޅުވީ، ރަނގަޅު ނަތީޖާތަކެއް ނެރެވިދާނެ ކަމުގެ އުއްމީދު އެބައޮތް ކަމަށެވެ.

މަޝްވަރާތައް މައިގަނޑު ގޮތެއްގައި އަމާޒުވާނީ އުތުރު ކޮރެޔާއިން ނިއުކްލިއާ ހަތިޔާރު ނައްތާލުމުގެ މަގުޗާޓުގެ މައްޗަށް ކަމުގައިވީނަމަވެސް، އިތުރު ދާއިރާތަކަކުން މަޝްވަރާ ކުރެވުން އެކަށީގެންވާކަމަށް މައުލޫމާތު ލިބެއެވެ.

ބުދަ ދުވަހުގެ ރޭ ރަސްމީ ފަރީއްކޮޅެއް ކުރިއަށް ގެންދަވާފައިވާއިރު، ކިމްއަކީ "ފިސާރި" ލީޑަރެއް ކަމަށް ޓްރަމްޕް ވަނީ ވިދާޅުވެފައެވެ.

އުތުރު ކޮރެޔާއާއި އެމެރިކާގެ އިސްވެރިންގެ ތާރީހީ ބައްދަލުވުމެއް ފުރަތަމަ ކުރިއަށް ގެންދަވާފައިވަނީ 2018 ވަނަ އަހަރު ޖޫން މަހުއެވެ.