ރައްޔިތުންގެ މަޖިލީހުގައި މިހާރުގެ ސަރުކާރަށް މެޖޯރިޓީ އޮތަސް ބޭނުންހާ ކަމެއް ކުރިޔަ ނުދެއްވާނެ ކަމަށް ފޮނަދޫ ދާއިރާގެ މެންބަރު އަދި ކޮންގްރެސް ޕާޓީގެ ރައީސް އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

އަބްދުއްރަހީމް އެހެން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފެއްދެވި ރިޔާސީ ކޮމިޝަންތަކުގެ ތެރެއިން މަރު ކޮމިޝަނާ، ގެއްލިފައިވާ ދައުލަތުގެ މުދަލާ ފައިސާ ހޯދާ ކޮމިޝަނަށް ގާނޫނީ ބާރު ދިނުމަށް ފާސް ކުރަން އުޅޭ ބިލަށް އިޝާރާތް ކުރައްވައެވެ. އަބްދުއްރަހީމް ތުހުމަތު ކުރައްވާ ގޮތުގައި ސަރުކާރުން އެ ގާނޫނު ފާސް ކުރަން އުޅެނީ ކުރިއަށް އޮތް މަޖިލީސް އިންތިހާބުގެ ކުރިންވެސް އިދިކޮޅު މެންބަރުން ހިފާ ހައްޔަރު ކުރުމަށެވެ. އަދި އެއީ ދެއްވާނެ ފުރުސަތެއް ނޫންކަމަށް އޭނާ ވިދާޅުވެއެވެ.

"ލާހިކު ކުޅަދާނައެއް ނޫން ބޭނުންހާ އެއްޗެއް ހަދާކަށް، އަޅުގަނޑުމެން 11 ވަރަކަށް މެންބަރުން ތިއްބަސް ހުއްޓުވާނަން" އަދުރޭ ވިދާޅުވިއެވެ.

މަޖިލީހަށް ހުށަހެޅިފައިވާ ކޮމިޝަންތަކުގެ ގާނޫނު ދެ ބުރަށް އުޅެގެންވެސް ބޭނުންވާ ކޯރަމް ނެތުމުން ވަނީ ފާސް ނުކުރެވިފައެވެ. އަދި މިއަދު އެ ބިލު ފާސް ކުރަން ބޭނުންވާ ކޯރަމް އޮށްވާވެސް ބިލު ވަނީ ފާސްނުކޮށް އަނބުރާ ކޮމިޓީއަށް ފޮނުވާލާފައެވެ. މަރު ކޮމިޝަނުގެ ބިލާ ގެއްލިފައިވާ ދައުލަތުގެ މުދަލާ ފައިސާ ހޯދާ ހޯދާ ކޮމިޝަނުގެ ބިލަކީ އެކޮމިޝަންތަކަށް ތަހުގީގު ކުރުމާ ދައުވާ ކުރުމުގެ ބާރު ފަދަ ބޮޑެތި ބާރުތަކެއް ލިބޭ ގޮތަށް ފަރުމާ ކޮށްފައިވާ ބިލްތަކެކެވެ.

ބައެއް ފަރާތްތަކުން ތުހުމަތު ކުރާ ގޮތުގައި ބައެއް މެންބަރުން މަސައްކަތް ކުރައްވަނީ މި ބިލު ފާސްވިޔަ ނުދޭށެވެ. ސަބަބެއް ކަމަށް އެފަރާތްތަކުން ބުނަނީ މި ބިލު ފާސްވެއްޖެނަމަ 'ގާނޫނީ ދިގު އަތް' އެފަދަ މެންބަރުންނާ އަރާ ހަމަ ކުރާނެތީއެވެ.