އިންޑިޔާއާއި ޕާކިސްތާނުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސްކަން، ދެގައުމު މަޝްވަރާ ކޮށްގެން ހައްލު ކުރުމަށް ދިވެހި ސަރުކާރުން މިއަދު ގޮވާލައިފިއެވެ.

ޖައްމު ކަޝްމީރުގެ ޕުލްވަމާގައި ފޯރިމަރަމުން ދިޔަ ސެންޓްރަލް ރިޒާވް ޕޮލިސް ފޯސް (ސީއާރްޕީއެފް)އަށް މިހިނގާ ފެބްރުއަރި މަހުގެ 14ވަނަ ދުވަހު ޕާކިސްތާނުގެ ހަތިޔާރުއެޅި ބަޔަކު ދިން ހަމަލާއަށްފަހު، އިންޑިއާއާއި ޕާކިސްތާނުގެ ދެމެދުގައި އުފެދިފައިވާ ނުތަނަވަސް ކަމާމެދު، ދިވެހިރާއްޖެއިން ކަންބޮޑުވުން ފާޅުކޮށް މިރޭ ވަނީ ބަޔާނެއް ނެރެފައެވެ.

ފޮރިން މިނިސްޓްރީން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ، ސަރަހައްދީ އިމުގައި ހިނގާ ޓެރަރިޒަމްގެ އަމަލުތަށް ހިމެނޭނެހެން، ޓެރަރިޒަމާއި، ޓެރަރިޒަމުގެ ބާވަތްތަކާއި، ޓެރަރިޒަމަށް މަގުފަހިވާ ކަންކަން، ފާޅުގައި ހަރުކަށި އިބާރާތުން ކުށްވެރި ކުރާކަމަށެވެ. އަދި ދެގައުމުގެ ބިމުގައި ހަރަކާތްތެރި ވަމުންދާ ޓެރަރިޒަމް ޖަމާއަތްތަކާމެދު މިހާރުން މިހާރަށް ފިޔަވަޅު އެޅުމަށް ދައުލަތްތަކުން ސަމާލުކަން ދިނުމުގެ މުހިންމުކަން ފާހަގަކުރާ ކަމަށްވެސް ބަޔާނުގައި ވެއެވެ.

ޓެރަރިޒަމާ ދެކޮޅަށް ހަނގުރާމަކުރުމަށް ދިވެހި ސަރުކާރުން އޮތީ ތައްޔާރަށް ކަމަށާއި، ބައިނަލްއަގުވާމީ ޖަމާއަތްތަކާއިއެކު، އަދި ވަކިން ހާއްސަކޮށް ދެކުނު އޭޝިއާގެ އަވައްޓެރި ގައުމުތަކާއެކު، ކުރިމަތިވެފައިވާ މިވަބާއިން ދުނިޔެ ސަލާމަތް ކުރުމަށް ދިވެހިރާއްޖެއިން މަސައްކަތް ކުރާނެ ކަމަށްވެސް ބަޔާނުގައި ވެއެވެ.

އަދި ސަރަހައްދުގެ ސަލާމަތާއި އަމަންއަމާންކަމަށް އިންޑިޔާއާއި ޕާކިސްތާނުން އިސްކަންދިނުމަށް ދެގައުމުގެ ކިބައިން ވަރަށް ބޮޑަށް އެދޭ ކަމަށާއި، ދެގައުމުގެ ދެމެދުގައި ވާހަކަ ދައްކައިގެން މަސްރަހު ހަމައަކަށް އެޅުވުމަށް ވީހާވެސް އަވަހަކަށް މަސައްކަތް ފެށުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް ދިވެހި ސަރުކާރުން ބުނެފައިވެއެވެ.