ސަރުކާރު ކޯލިޝަނަށް މަޖިލިހުގެ މެޖޯރިޓީ އޮވެމެ، ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަށް ލިބެންޖެހޭ ގާނޫނީ ބާރު މަޖިލީހުގެ ތެރެއިން ނުލިބޭތީ ކަންބޮޑުވާކަމަށް މައުމޫން ރިފޯމް މޫވްމަންޓް (އެމްއާރްއެމް)އިން ބުނެފިއެވެ.

މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި، އެމްއާރްއެމްގެ ސްޕޯކްސް ޕާސަން ތަޒްމީލް އަބްދުއްސަމަދު ވިދާޅުވީ، ކޮމިޝަނަށް ބާރުނުލިބި ލަސްވުމުގެ ސަބަބުން ރައްޔިތުންގެ ހައްގުތަކެއް ނިގުޅައިގަނެވިގެން ދާކަމަށާއި، މުޅި ދައުލަތުގެ ހައްގު އޮންނަ ކަންކަމުގައި އެއްބާރުލުން ދޭންޖެހޭނެކަމަށެވެ. މީގެ އިތުރުން ސަރުކާރު ހިންގާ ކޯލިޝަންގެ ތެރެއިން ބަލައިގަންނަން އުނދަގޫ ކަންތައްތަކެއް ފެންނަމުން ދާކަމަށް ތަޒްމީލް ވިދާޅުވިއެވެ.

ތަޒްލީމް ވިދާޅުވީ ސަރުކާރު ހިންގާ ކޯލިޝަންގެ ލީޑަރެއްގެ ހައިސިއްޔަތުން ރައީސް މައުމޫންވެސް އެކަމާ ކަންބޮޑުވެ ވަޑައިގަންނަވާ ކަމަށާއި، ގެއްލިފައިވާ ރައްޔިތުންގެ ހައްގުތަށް ހޯދައި ދެއްވުމަށް، މަޖިލީހުގެ މެމްބަރުން އެއްބާރުލުން ދެއްވުމަށް އެމަނިކުފާނު އިލްތިމާސް ކުރައްވާކަމަށެވެ.

މަރުގެ މައްސަލަތަކާއި ހިޔާނާތުގެ މައްސަލަތައް ބެލުމަށް ރައީސް ސޯލިހު އުފައްދަވާފައިވާ ރިޔާސީ ދެކޮމިޝަނަށް ބާރު ދިނުމުގެ ބިލަށް ވޯޓަށް ނާހާ، ބިލުވަނީ އަލުން ދިރާސާކުރުމަށް ފޮނުވާލާފައެވެ. ބިލު ދިރާސާކުރުމަށް އަލުން ކޮމެޓީއަށް ފޮނުވަލާފައި ވަނީ، ބިލުގައި ކޮމެޓީއިން ފާސްނުކުރާ ކަންތައްތަކެއް ހިމަނާފައި ވާކަމަށް ބުނެ ކޮމެޓީގެ ބައެއް މެންބަރުން މައްސަލައެއް ހުށައަޅުއްވާފައިވާތީކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.