ބަނގުރާ ކައްކަން ބޭނުންކުރާ ކަމަށް ބެލެވޭ ސާމާނުތަކެއް ސ.ހިތަދޫން ހޯދާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފިއެވެ.

މި ސާމާނުތައް ނަގާފައިވަނީ ހިތަދޫ ޕޮލިސް ސްޓޭޓަނުން ހިންގި އޮޕަރޭޝަނެއްގައެވެ.

ފެބްރުވަރީ 26 ވަނަ ދުވަހު 13.45 ހާއިރު މި އޮޕަރޭޝަން ހިންގީ ހިތަދޫގައި ބަނގުރާ އުފެއްދާކަމަށް ފުލުހުންގެ އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާއި ގުޅިގެންނެވެ.

އެގޮތުން ބަނގުރާކަމަށް ޝައްކު ކުރެވޭ އެއްޗެއް އަޅާފާހުރި 20 ލީޓަރުގެ ހަމަކާއި ބަނގުރާ ކައްކަން ބޭނުންކުރާކަމަށް ބެލެވޭ ސާމާނު ހޯދައިފާވަނީ އެ އޮޕަރޭޝަންގެ ތެރެއިން ބަލާ ފާސްކުރި ހިތަދޫ ފަޅު ގެއެއްގެ ތެރެއިންނެވެ.

މިމައްސަލަ ފުލުހުން ތަހުގީގު ކުރަމުންދާއިރު މިމައްސަލަ އާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައެއް ނުވެއެވެ.