ފައިސާއާ ހިޔާނާތުގެ މައްސަލަތައް ބެލުމަށާގޮތް ނޭނގޭ މަރުތަކުގެ މައްސަލަތަށް ބެލުމަށް އުފައްދާފައިވާ ކޮމިޝަންތަކަށް ބާރުދިނުމުގެ ބިލަށް 'ވޯޓު ދެއްވިންތޯ'، ރައްޔިތުންގެ ބަޔަކު ސުވާލުކުރުމުން، 'ވޯޓު ލައްވަނީ ކީއްކުރައްވަންތޯ ވިދާޅުވެ'، ރައްޔިތުންނަށް މަރަދޫ ދާއިރާގެ މެންބަރު އިބްރާހިމް ޝަރީފް(މަވޯޓާ) ރައްދު ދެއްވާފައިވާ ވީޑިއޯއެއް ސޯޝަލް މީޑިއާގައި އާއްމުވެއްޖެއެވެ.

ޝަރީފް މިހެން ވިދާޅުވެފައި ވަނީ، ކޮމިޝަންތަކަށް ބާރުދިނުމުގެ ބިލަށް މަޖުލީހުން ވޯޓަށް ނޭހި ލަސްވާތީ އެކަމާ ނުރުހުން ފާޅުކުރުމުގެ ގޮތުން މަޖިލިސް ދޮށަށް އެއްވި ރައްޔިތުންނާ ކުރެއްވި 'ޒުވާބެއްގެ' ތެރެއިންނެވެ.

އޭގެ އިތުރު ސުވާލުތަށް ރައްޔިތުން ޝަރީފަށް ކުރިމަތި ކުރުވުމުން، ޝަރީފް ވިދާޅުވެފައި ވަނީ އޭނާއާ ސުވާލުކުރަން ޖެހޭނީ، މިހާރު ތަމްސީލު ކުރައްވަމުން ގެންދަވާ ދާއިރާގެ މީހުން އެކަނި ކަމަށެވެ. އެއާއެކު އެއްވެ ތިބި މީހުން ގޮވަމުން ދިޔައީ ރައްޔިތުންނަށް ޖަވާބުދާރީ ވާންޖެހޭނެ ކަމަށެވެ. އޭގެ ރައްދުގައި ޝަރީފް ވިދާޅުވީ ޖަވާބުދާރީ ވެވަޑައިގަންނަވަން ޖެހިވަޑައި ނުގަންނަވާނެ ކަމަށާއި، ސުވާލުކުރަން ތިބި މީހުންނަކީ އޭނާއަށް ވޯޓުދިން ބައެއްވެސް ނޫންކަމަށެވެ.

މިހެން ބުނެފައި ޝަރީފް އެތެރެއަށް ވަޑައިންނަވަން ފެއްޓެވުމުން، ބޭރުގައި ހުރި އަންހެނަކު އޭނާއަކީ ޝަރީފް ނިސްބަތްވެ ވަޑައިގަންނަވާ ދާއިރާގެ މީހެއް ނޫންކަން ޝަރީފަށް އެނގިލައްވަނީ ކިހިނެއްތޯ ސުވާލުކޮށްފައި ވެއެވެ. ޖަވާބުގައި ޝަރީފަށް އެނގިލައްވާކަމަށް ވިދާޅުވެ، އެތަން ދޫކުރައްވާ މަޖިލިސްގޯތިތެރެއަށް ވަދެވަޑައިގަންނަވާ މަންޒަރު ވީޑިއޯއިން ފެނެއެވެ.

ރައީސް އިބްރަހިމް މުހައްމަދު ޞާލިހު އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަނަށް ބާރު ދިނުމުގެ ބިލަށް ވޯޓަށް ނާހާ މިއަދުގެ ޖަލްސާ މަޖިލިހުގެ ރިޔާސަތުން ނިންމަވާލައްވާފައި ވަނީ، ބިލުގައި ކޮމެޓީއިން ފާސްކޮށްފައި ނުވާ ކަންކަން ހިމަނާފައިވާކަމަށް ވިދާޅުވެ، ބިލު ދިރާސާކުރި މެންބަރުން މައްސަލައެއް ހުށަހަޅުއްވާފައި ވާތީ، އަލުން ބިލު ދިރާސާކުރުމަށް ކޮމެޓީއަށް ފޮނުވަން ކަމަށް، މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް ވިދާޅުވިއެވެ.