ޕެންޝަން ފަންޑުން ހައްޖަށް ދެވޭ ގޮތަށް ޕެންޝަނާ ބެހޭ ގާނޫނަށް ހުށަހެޅި އިސްލާހު ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

އެ ބިލް މަޖިލީހަށް ހުށަހެޅުއްވީ ހިތަދޫ އުތުރު ދާއިރާގެ މެންބަރު މުހައްމަދު އަސްލަމެވެ. އެ ބިލް ފާސްކޮށްފައި ވަނީ ބިލް ކޮމެޓީގައި ދިރާސާކުރުމަށްފަހު އެއްވެސް ބަދަލެއް ނުގެނެސް މިއަދު މަޖިލީހުގައި ބައިވެރިވެވަޑައިގެންނެވި 69 މެންބަރުންގެ އިއްތިފާގުންނެވެ.

އެ ބިލް ފާސްކުރުމަށް މީގެ ކުރިން ތިން ފަހަރެއްގެ މަތިން އެޖެންޑާ ކޮށްފައިވީ ނަމަވެސް 43 މެންބަރުން ހަމަނުވާތީ އެ ބިލަށް ވޯޓަށް ނޭހުނެވެ.

އެ އިސްލާހު ހުށަހަޅުއްވަމުން އަސްލަމް ވިދާޅުވެފައި ވަނީ ޕެންޝަނާ ބެހޭ ގާނޫނަށް ދެ އިސްލާހެއް ހުށަހަޅާފައިވާ ކަމަށެވެ. އެއް ކަމެއްގެ ގޮތުން ހައްޖުގެ މަތިވެރި އަޅުކަން ޕެންޝަން ސްކީމް މެދުވެރިކޮށް ދެވޭ ގޮތް ހަމަޖެއްސުން ހިމަނާފައިވާ ކަމަށާއި އެއީ ގިނަ ބަޔަކު ބޭނުންވެފައި ހުރި ކަމެއް ކަމަށް އަސްލަމް ވިދާޅުވި އެވެ.

ދެވަނަ އިސްލާހަކީ އަސާސީ ޕެންޝަންގެ ގޮތުގައި ދޭ އަދަދަކީ 5000 ރުފިޔާއަށް ކަމަށް ގަނޫނުގައި ހިމެނުން ކަމަށް އަސްލަމް ވިދާޅުވިއެވެ. މިހާރު ގާނޫނުގައި އޮންނަނީ 2000 ރުފިޔާ ދޭ ގޮތަށެވެ. ނަމަވެސް ކުރީގެ ރައީސް އަަބްދުﷲ ޔާމީންގެ ސަރުކާރުން ވަނީ 5000 ރުފިޔާ ދޭން ފަށައިފައެވެ. ނަމަވެސް އެ އަދަދު ދެނީ ގާނޫނުގައި ނުހިމަނައެވެ.

އަސްލަމް އިތުރަށް ވިދާޅުވީ ޕެންޝަނުގެ ގާނޫނަށް އިތުރު އިސްލާހުތައް ވެސް ގެނައުމުގެ މަސައްކަތް ސަރުކާރުން ކުރަމުން އަންނަ ކަމަށާއި އެގޮތުން ރިޓަޔާ ކުރާ ފަރާތްތަކަށް ވަކި މިންވަރަކަށް ގަނޑުކޮށް ފައިސާ ލިބޭނެ ގޮތަށް ވެސް ހަމަޖެއްސެވުމަށް ރައީސް އެބަ މަސައްކަތް ކުރައްވާ ކަމަށެވެ.