ރައްޔިތުންގެ މަޖިލީހުގެ މެދުހެންވޭރު ދާއިރާއަށް ކުރިމަތިލުމަށް އެދި ވީބީ ބްރަދާސް ޕްރައިވެޓް ލިމިޓެޑްގެ މެނޭޖިން ޑިރެކްޓަރު ހަސަން ޝިޔާމް (ވީބީ ހަސަން) އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ފޯމު ބަލައިގަތުމަށް ސުޕްރީމް ކޯޓުން އިލެކްޝަން ކޮމިޝަންގެ މައްޗަށް އަމުރުކޮށްފިއެވެ.

ވީބީ ހަސަންގެ ކެނޑިޑެސީ ބަލައިނުގަތުމަށް އިލެކްޝަން ކޮމިޝަން ނިންމާފައިވަނީ، އޭނާގެ އާއިލާގެ މައްޗަށް ސިވިލް ކޯޓުން ކޮށްފައިވާ ހުކުމާ އެއްގޮތަށް ފައިސާ ދައްކަމުން ނުދާތީ ކަމަށް ބުނެއެވެ.

ގާނޫނު އަސާސީގައި، ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ވާދަ ނުކުރެވޭ ޝަރުތުތަކުގެ ތެރޭގައި، ކޯޓުތަކުން ކޮށްފައިވާ ހުކުމާއި އެއްގޮތަށް ދަރަނި އަދާނުކުރުން ހިމެނިފައިވެއެވެ.

ސުޕްރިމް ކޯޓުން މިއަދު ކޮށްފައިވާ ހުކުމުގައި ވާގޮތުން އިލެކްޝަން ކޮމިޝަނުން ހަސަންގެ ފޯމު ބަލައިނުގަތުމަށް ނިންމާފައިވަނީ ފުރިހަމަނުވާ މައުލޫމާތެއްގެ މައްޗަށް ބިނާކޮށެވެ. ކުރީގެ ނައިބުރައީސް ޑރ.މުހައްމަދު ޖަމީލް އަހުމަދު ވަކާލާތު ކުރެއްވި މައްސަލައިގެ ހުކުމުގައި، ހަސަން ހިމެނޭ ހުރިހާ މައްސަލައެއްވެސް މަތީ ކޯޓުތަކުގައި އިސްތިއުނާފުކޮށްފައި ވާކަމަށް ބުނެފައިވެއެވެ.