މެންބަރުން ހަމަވުމުން ވެސް ރިޔާސީ ކޮމިޝަންގެ ބިލަށް ވޯޓަށް ނާހާ މަޖިލިސް ޖަލްސާ ނިންމާލައިފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ދެ ކޮމިޝަން، މަރާލެވިފައިވާ މީހުންނާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަ ބަލާ ކޮމިޝަނާއި، ދައުލަތުގެ ފައިސާއަށް ހިޔާނާތްތެރިވެފައިވާ މައްސަލަތައް ބަލާ ކޮމިޝަނަށް ބާރުލިބޭ ގޮތަށް މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް ނާހާ މިއަދުގެ މަޖިލީހުގެ ޖަލްސާ ނިންމާލާފައިވަނީ ރިޔާސަތުންނެވެ.

ރިޔާސަތުން، މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމް ވިދާޅުވީ ބިލު ދިރާސާ ކުރި ކޮމިޓީންގެ މެންބަރުން، އެ ބިލުގައި ކޮމިޓީން ފާސް ނުކުރާ ކަންކަން ހިމަނާފައިވާކަމަށް ވިދާޅުވެ މައްސަލައެއް ހުށަހަޅުއްވާފައިވާ ކަމަށެވެ. އެހެންކަމުން މި ބިލު އަލުން ދިރާސާ ކުރުމަށް ކޮމިޓީއަށް ފޮނުވުމަށް ނިންމާފައިވާ ކަމަށް ރިޔާސަތުން ވަނީ ވިދާޅުވެފައެވެ. މިއަދު މަޖިލީހުން ނިންމި ކަންތައްތަކަށް ވޯޓަށް އެހި އިރު މަޖިލީހުގެ 64 މެންބަރުން ހާޒިރުވެ ތިއްބެވެ.

ރިޔާސީ ކޮމިޝަންގެ ބިލަށް ވޯޓަށް ނޭހެނެކަން ރިޔާސަތުން އިއްވުމުން، ކޯލިޝަންގައި ހިމެނޭ އެމްޑީޕީ މެންބަރުން ދިޔައީ އެއީ ގާނޫނާ ހިލާފަށް ރިޔާސަތުން ކުއްރައްވާ ކަމެއްކަމަށް ވިދާޅުވެ އަޑުގަދަކުރައްވަމުންނެވެ. ނަމަވެސް ރިޔާސަތުން ވަނީ މަޖިލިސް ޖަލްސާ މިއަދަށް ނިންމާލާފައެވެ.

ރިޔާސީ ކޮމިޝަންގެ ބިލަށް މިއަދަށް ވޯޓަށް ނާހާ މަޖިލިސް ނިންމާލުމާއި ގުޅިގެން ގެއްލުވާލާފައިވާ މިނިވަން ނޫހުގެ ނޫސްވެރިޔާ އަހުމަދު ރިޟްވާންގެ އާއިލާގެ މެންބަރުންނާއި ބައެއް އާންމުން ދަނީ މަޖިލިސް ކުރާ ގެ ކައިރިއަށް އެއްވެ އިހުތިޖާޖު ކުރަމުންނެވެ. މި އިހްތިޖާޖާއި ގުޅިގެން ފުލުހުން ވެސް ދަނީ އެސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.

މީގެ ކުރިން ތިން ފަހަރެއްގެ މަތިން މި ބިލަށް ވޯޓަށް އެހުމަށް އެޖެންޑާކުރި ނަމަވެސް، ވޯޓަށް އެހުމަށް ބޭނުންވާ ގާނޫނީ އަދަދަށް މެންބަރުން ހަމަނުވެގެން ތިން ފަހަރު ވެސް ވަނީ ބިލަށް ވޯޓަށް ނާހާ މަޖިލިސް ނިންމާލާފައެވެ.

ރިޔާސީ ކޮމިޝަނަށް ބާރި ލިބޭ ބިލަށް ވޯޓު ނުދޭނެކަމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ވަނީ ބުނެފައެވެ. އަދި މި ބިލަށް ވޯޓު ނުދޭން ނިންމީ، އެ ބިލް ފާސްކުރަނީ މަޖިލީހަށް ކުރިމަތިލާފައިވާ އިދިކޮޅު ކެންޑިޑޭޓުން ހައްޔަރުކުރާނެތީ ކަމަށް ވެސް އިދިކޮޅު ކޯލިޝަނުން ވަނީ ބުނެފައެވެ.