މެލޭޝިއާގައި ދިރިއުޅޭ ދިވެހިންނަށް ދިމާވެފައިވާ ވިސާގެ މައްސަލަތަކަށް ލުއި ގޮތްތަކެެއް ހޯއްދެއްވުމަށް މެލޭޝިއާގެ ހާރިޖީ ވަޒީރު ދާތޯ ސައިފުއްދީން ބިން އަބްދުﷲ އާއި ރާއްޖޭގެ ހާރިޖީ ވަޒީރު އަބްދުﷲ ޝާހިދު މަޝްވަރާކުރައްވައިފިއެވެ.

އަންގާރަ ދުވަހު ޖެނީވާގައި ބޭއްވި ހިއުމަން ރައިޓްސް ކައުންސިލްގެ 40 ވަނަ ބައްދަލުވުމުގެ ހަވާސާގައި ދެގައުމުގެ ގުޅުންތައް އިތުރަށް ހަރުދަނާ ކުރުމާއި ބެހޭ ގޮތުން ކުރެއްވި މަޝްވަރާގައި އެ ގައުމުގައި ދިރިއުޅޭ ދިވެހިންނަށް އެގައުމުން އަދާކުރާ މެހެމަންދާރީއަށް ޝުކުރު އަދާކުރައްވައި ދިވެހިންނަށް ވިސާ ދިނުމުގައި މިހާރަށްވުރެ ލުއި ގޮތްތައް ހަމަޖައްސަވައިދެއްވުމަށް އެދިވަޑައިގެންނެވިއެވެ. އަދި މެލޭޝިއާއިން ޑިމޮކްރަސީއަށް އަލުން ރުޖޫއަވި ކަމަށްޓަކައި މަރުހަބާ ދައްނަވާ އެކަމުން ދިވެހިންނަށް ހިތްވަރު ލިބުނުކަން ފާހަގަކުރައްވާފައެވެ.

މީގެ އިތުުރުން ވެސް ހަވާސާ ބައްދަލުވުންތަކުގައި އެހެން ގައުމުތަކުގެ ވަޒީރުންނާއި އެކު މަޝްވަރާކުރައްވާފައެވެ.

އެގޮތުން އިންޑޮނީޝިއާގެ ހާރިޖީ ވަޒީރު ރެންޓްނޯ ލެސްތަރީ ޕްރިއަންސަރީ މަރްސޫދީ އާއި ބައްދަލުކުރައްވާ ބައިނަލްއަގްވާމީ މަސްރަހުގައި ދެގައުމު ގުޅިގެން މަސައްކަތްކުރުމާއި ގުޅޭ ގޮތުން މަޝްވަރާކުރައްވާ އަދި އދ އާއިި އޯއައިސީ އެކުގައި ގުޅިގެން މަސައްކަތްކުރުމާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.

މޮރޮކޯގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ހިއުމަން ރައިޓްސް މުސްތަފާ ރާމިދް އާއި ބައްދަލުކުރައްވާ ދެ ގައުމުގައި އޮންނަ އުހުވައްތެރިކަމުގެ ގުޅުން އިތުރަށް ހަރުދަނާ ކުރުމާބެހޭ ގޮތުން މަޝްވަރާކުރައްވާފައިވެއެވެ. އަދި އިޓަލީވިލާތުގެ ހާރިޖީ ވަޒީރުގެ ނައިބު އެމަނުއެލޭ ކޮލޯޑިއާ ރޭ އާއި ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބަދަލުތަކާއި ބެހޭ މައުލޫމާތު ދެއްވާ، މޫސުމީ ބަދަލުތަކުގެ މައްސަލަތަކާއި، އިންސާނީ ހައްގުތަކުގެ އިތުރުން ފަތުރުވެރިކަމުގެ ދާއިރާގައި އެކުގައި މަސްކަތްކުރުމުގެ މަޝްވަރާކުރެއްވިއެ

މީގެ އިތުރުން އަޔަރލެންޑްގެ މިނިސްޓާ އޮފް ސްޓޭޓް ފޯ ދަ ޑިއަސްޕޯރާ އެންޑް އިންޓަނޭޝަނަލް ޑިވެލޮޕްމަންޓް ކިއަރަން ކެނަން އާއި މޫސުމީ ބަދަލުތަކާއި ކުދި ޖަޒީރާ ގައުމުތަކުގެ މައްސަލަތަކާއި ބެހޭ ގޮތުން މަޝްވަރާކުރެއްވިއެވެ.