އިންޑިއާއިން ޕާކިސްތާނަށް ދިން ވައިގެ ހަމަލާގެ ރައްދުގައި އިންޑިއާގެ ދެ ފައިޓާ ޖެޓު ވައްޓާލައިފި ކަމަށް އެގައުމުން ބުނެފިއެވެ. މިއަދު ދިން ހަމަލާތަކެއްގައި ދެ ޖެޓު ވައްޓާލި އިރު އޭގެ ތެރެއިން އެއް ޖެޓް ވެއްޓިފައިވަނީ ޕާކިސްތާނުގެ ސަރަހައްދުގެ ތެރެއަށް ކަމަށްވެސް ހަބަރު ލިބެއެވެ. އަދި މި ޖެޓުގައި އިން ޕައިލެޓް ވަނީ ޕާކިސްތާނުން ހައްޔަރު ކޮށްފައެވެ. ދެވަނަ ޖެޓް ވެއްޓުނީ އިންޑިއާގެ ސަރަހައްދުގެ ތެރެއަށް ކަމަށް މައުލޫމަތު ލިބެއެވެ.

ޕާކިސްތާނުގެ އަސްކަރިއްޔާގެ އޮފިޝަލެއް ކަމަށްވާ މޭޖާ ޖެެނެރަލް އާސިފު ޣަފޫރު ވިދާޅުވީ މިއަދު ހެނދުނު ދެވުނު މިހަމަލާތަކުގައި ވައްޓާލެވުނު ދެ ޖެޓުވެސް ވައްޓާލީ ޕާކިސްތާނުގެ ވައިގެ ސަރަހައްދުން ކަމަށެވެ.

އިންޑިއާގެ ކަޝްމީރާ ވީ ފަޅި

މިހަމަލާއާއި ގުޅިގެން އިންޑިއާއިން އަދި އެއްވެސް އެއްޗެއް ނުބުނެއެވެ. އިންޑިއާއިން އިއްޔެ ޕާކިސްތަނުގެ ސަރަހައްދުތަކަށް ހަމަލާ ދީ ހަތިޔާރު އެޅި ބަޔަކު މަރާލާފައި ވާކަމަށް އެގައުމުން ބުނެފައި ވެއެވެ. އަދި އެ ހަމަލާއަށް ފަހު އިތުރަށް ހަމަލާ ބަދަލު ކުރަން ބޭނުން ނުވާކަމަށްވެސް އިއްޑިއާއިން އިއްޔެ ބުނެފައިވެއެވެ.

އިންޑިއާއާއި ޕާކިސްތާނާ ދެމެދު އުފެދިފައިވާ ނުތަނަވަސްކަން ހޫނުވީ އިންޑިއާގެ ކަޝްމީރާ ވީ ފަޅީގައި ފޯރިމަރަމުން ދިޔަ އިންޑިއާގެ ސިފައިންގެ ބަޔަކު ހަތިޔާރުއެޅި ޖަމާއަތަކުން މަރާލުމާ ގުޅިގެންނެވެ.