އުތުރު ކޮރެއާގެ ނިއުކްލިއާ މަޝްރޫއު ހުއްޓުމުމުގެ ނަމުގައި އެމެރިކާއިން އުތުރު ކޮރެއާ އާއި އެކު ކުރިއަށް ގެންދާ މަޝްވަރާތަކުގެ ދެވަނަ ބުރު މިއަދު ފެށޭނެއެވެ. މި ބައްދަލުވުން އޮންނާނީ ކުރިން އެމެރިކާ އާއި އެކު ބޮޑު ހަނގުރާއެއް ކުރި ވިއެޓްނާމުގައެވެ.

ގިނަ އުންމީދުތަކެއް ހުރި ކަމަށް ވިދާޅުވަމުން ޓްރަމްޕާއި ކިމް މިހާރު ވަނީ މިސަމިޓަށް ވިއެޓްނާމަށް ވަޑައިގެންފައެވެ. ސަމިޓަށް ވަޑައިގަތުމުގެ ކުރިން ޓްރަމްޕް ވިދާޅުވީ އުންމީދު ކުރައްވަނީ މަޝްވަރާތަކުން ބޮޑު ކުރިއެރުމެއް ލިބިވަޑަައިގަންނަވާނެ ކަމަށެވެ. ވިއެޓްނާމުގައި މި ބައްދަލުވުން ބޭއްވޭ އިރު އެގައުމު އިގްތިސާދީ ގޮތުން ހޯދާފައިވާފަދަ ކާމިޔާބު އިގްތިސާދެއް ހޯދުމަށް އުތުރު ކޮރެއާއިންވެސް ބޭނުންވާކަމަށް އުންމީދު ކުރައްވާ ކަމުގައި ޓްރަންޕް ވިދާޅުވިއެވެ. އަދި ކިމް އަކީ ވިސްނުންފުޅު ތޫނު ބޭފުޅެއް ކަމަށާ، އުތުރު ކޮރެއާ، ދުނިޔެއަށް ހުޅުވާލެއްވުމުގެ ވިސްނުންފުޅު ކިމް ގެންގުޅުއްވާ ކަމުގެ އިޝާރާތެއްވެސް ޓަރްމްޕް ވަނީ ދެއްވާފައެވެ.

މި ބައްދަލު ވުމުގެ އެޖެންޑާގައި ހުރި ކަންކަމާ ގުޅިގެން މަސްރަހު ދިރާސާ ކުރާ ފަރާތްތަކުން ބުނެފައިވަނީ އުތުރު ކޮރެއާގެ ނިއުކްލިއާ މަޝްރޫއު ހުއްޓާލުމުގެ ބަދަލަކަށް ކިމް ހުށަހަޅުއްވާނީ ކޮން ކަމެއް ކަމެއް ނޭނގެވެ. އަދި އެ ހުށަހެޅުއްވުމުގެ ބަދަލުގެ ގޮތުގައި އެމެރިކާގެ ޑިމާންޑަކީ ކޮބައިކަން އަންދާޒާ ކުރާކަށްވެސް ނޭނގެއެވެ.

ސިންގަޕޫރުގައި ބޭއްވި ކިމް އާއި ޓްރަމްޕުގެ ފުރަތަމަ ބައްދަލުވުމަށް ފަހު މާ އެދެވޭ ނަތީއެއް ނުކުމެފައި ނުވެއެވެ.