އުތުރު ކޮރެއާ އަށް ގެންދިޔަ ކޮންޓެއިނާ އެއްގައި ހުރި 90،000 ވޮޑްކާފުޅި ޑަޗް ކަސްޓަމުން މިދިޔަ އަންގާރަ ދުވަހު އަތުލައިފިއެވެ.

ޑަޗް ކަސްޓަމްސް އެޖެންސީގެ ސްޕޯކްސްޕާސަން، ރޯލް ވެލްމަން ވިދާޅުވަާ ގޮތުގައި 3000 ކޭސްގެ ވޮޑްކާ އަތުލައިގަތީ ރޮޓާޑަމް ޕޯޓުގައި އޮތް ޗައިނާ ކޮސްކޯ ޝިޕިންގެ ޝިޕަކުންކަމަށެވެ.

ރޮޓާޑަމް ޕޯޓުގެ އޮފިސަރުން މި ކޮންޓެއިނާ ބަލާ ފާސްކުރަން ނިންމީ ފޮރިން މިނިސްޓްރީން ފޯރުކޮއްދިން ރިސްކް ޕްރޮފައިލަކަށް ބިނާކޮށް ކަމަށް ވެލްމަން ވިދާޅުވިއެވެ.

"އަޅުގަނޑުމެން ރިސްކް ޕްރޮފައިލެއް ފޮލޯކުރަން. އަދި މައުލޫމާތު ލިބުނީ މި ކޮންޓެއިނާގައި ކޮންމެވެސް އެއްޗެއް ވާނެކަމަށް. ލިބިފައިވާ މައުލޫމާތު ރަނގަޅު. މި ކޮންޓެއިނާގައި ހުރީ ޗައިނާއަށް ގެންދިޔަ ވޮޑްކާ. ބޮޑަށް ލަފާކުރެވެނީ އުތުރު ކޮރިއާ އަށް ގެންދިޔަ އެއްޗެހިތަކެއް ކަމަށް." ވެލްމަން ވިދާޅުވިއެވެ.

އދ ގެ ނިންމުންތަކާއި ދެކޮޅަށް އުތުރު ކޮރެއާއިން ބެލެސްޓިކް މިސައިލް ޓެސްޓް ކުރަމުންދާތީ، ބައިނަލް އަގްވާމީ ގިނަ ގައުމުތަކުން ވަނީ އުތުރު ކޮރެއާ ދެކޮޅަށް ހަރުކަށި ފިޔަވަޅުތަކެއް އަޅާފައެވެ. މީގެ ތެރޭގައި އެގައުމުގެ އަގުބޮޑެތި އުފެއްދުންތައް އިމްޕޯޓު ކުރުން ހުއްޓާލުން ހިމެނެއެވެ.

އުތުރު ކޮރެއާ އަށް އަޅާފައިވާ ދަތި ކުރުމުގެ ފިޔަވަޅުގެ ސަބަބުން އެގައުމަށް އެތެރެކުރާ މުދާތައް ކަސްޓަމުން ބޭރުކުމުގެ ކުރިން ދަނީ ބަލާ ފާސްކުރަމުންނެވެ.

ވޮޑްކާއަކީ އުތުރު ކޮރެއާގެ ލީޑަރު ކިމް ޖޮންގް އުންއަށް ފޮނުވި އެއްޗެހިތަކެއް ތޯ ސުވާލު ކުރުމުން ވެލްމަން ވަނީ އެކަން ދޮގު ކުރައްވާފައެވެ. އަދި ވޮޑްކާ ފުޅިތަކުގެ އެންމެފަހު މަންޒިލަކީ އުތުރު ކޮރެއާ ކަމަށް 90 ޕަސެންޓް ގެރެންޓީ އޮތްކަމަށް ވެސް ވެލްމަން ވިދާޅުވިއެވެ.