ކާށިދޫ ދާއިރާގެ ގޮނޑިއަށް އަމިއްލަގޮތުން ވާދަކުރެއްވުމަށް ބުރާސްފަތި ދުވަހު ކުރިމަތިލައްވާނެ ކަމަށް، ކާށިދޫ ދާއިރާގެ އެމްޑީޕީ ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެ ވަޑައިގެންނެވި، އަބްދުﷲ ޖާބިރު ވިދާޅުވެއްޖެއެވެ.

ޖާބިރު މިހެން ވިދާޅުވެފައި މިވަނީ، ޕްރައިމަރީގައި ވާދަކޮށް ނާކާމިޔާބުވެފައިވާ އެމްޑީޕީގެ ކެނޑިޑޭޓުން އިންތިހާބުގާއި ވާދަ ނުކުރާނެ ކަމަށް އުންމީދު ކުރައްވާކަމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވަނިކޮށެވެ.

މިކަމާ ގުޅިގެން "ދަޕްރެސް"އާ ވާހަކަ ދައްކަވަމުން ޖާބިރު މިރޭ ވިދާޅުވީ، އިންތިހާބުގައި ކުރިމަތިނުލެއްވުމަށް ރައީސް ނަޝީދު އޭނާއަށް އިލްތިމާސް ނުކުރައްވާކަމަށެވެ.

"ރައީސް ނަޝީދު އަޅުގަނޑު ކައިރީ އިލްތިމާސެއް ނުކުރޭ ކުރިމަތި ނުލާށެކޭ. ރައީސް ނަޝީދަށްވެސް ފެނިވަޑައިގަންނަވާ އެއްޗެއް ބުނުމުގެ ފުރުސަތު އޮންނަންވާނެތާ. އަޅުގަނޑުވެސް އަޅުގަނޑަށް ފެންނަ އެއްޗެއް ނުބުނާންވީ"

ޕާޓީތަކުގެ ޕްރައިމަރީގައި ވާދަކޮށް ބަލިވާ ފަރާތްތަކަށް އިންތިޚާބުގައި ވާދަނުކުރެވޭ ގޮތަށް ސިޔާސީ ޕާޓީތަކާ ބެހޭ ގާނޫނަށް ގެނައި އިސްލާހު ބާތިލުކުރުމަށް، ޖާބިރާއި، ހިތަދޫ އުތުރު ދާއިރާގެ އެމްޑީޕީ ޕްރައިމަރީއިން ބަލިވި އަހުމަދު މުހައްމަދުގެ އިތުރުން ގާނޫނީ ވަކީލު އަބްދުﷲ މާނިއު ހުސައިން ސުޕްރީމް ކޯޓަށް ހުށައެޅުއްވި މައްސަލައިގައި ސުޕްރީމް ކޯޓުން ވަނީ އެ އިސްލާހު ބާތިލުކޮށްފައެވެ.

ސުޕްރީމް ކޯޓުގެ މިހުކުމާއި ގުޅިގެން ޖާބިރުވެސް ނިސްބަތްވެ ވަޑައިގަންނަވާ އެމްޑީޕީން ބުނެފައިވަނީ، ޕްރައިމަރީން ބަލިވެފައިވާ އެޕާޓީގެ މެންބަރަކު އަމިއްލަ ގޮތުން އިންތިހާބުގައި ވާދަކުރާނަމަ އެކަމަށް ފިޔަވަޅު އަޅާނެ ކަމަށެވެ.

މިކަމަށް ރައްދު ދެއްވާ ޖާބިރު ވިދާޅުވީ، މައްސަލަ ކޯޓުން ނިންމާފައި ވަނިކޮށް ޕާޓީއިން ފިޔަވަޅު ނޭޅޭނެ ކަމަށެވެ.

"ޕާޓީން ކޮން ފިޔަވަޅެއް އެޅޭނީ؟ އެއޮތީ ކޯޓުން ނިންމާފަ. ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުން ނިންމާފަ އޮތް ކަމަކަށް ޕާޓީން ފިޔަވަޅު އެޅޭނެ ގޮތެއް އެބަ އޮތްތޯ؟" ޖާބިރު ވިދާޅުވިއެވެ.

ނަޝީދުގެ ކުރެއްވި އިލްތިމާސަށް ތާއިދު ކުރައްވާ ޖާބިރުގެ އަނބިކަނަބަލުން އަލްއުސްތާޒާ ދިޔާނާ ސައީދު ދެއްކެވި ވާހަކަފުޅާ ގުޅިގެން ޖާބިރު ވިދާޅުވީ، ދިޔާނާ އެކަމަށް ތާއީދު ނުކުރައްވާ ކަމަށާއި، ދިޔާނާ ދެއްކެވި ވާހަކަފުޅު ނޫސްވެރިންވަނީ އޮޅުވާލާފައި ކަމަށެވެ.

"ދިޔާނާ ތާއީދު ނުކުރައްވާ އެ ޚިޔާލުފުޅަކަށް. ދިޔާނާ ކިޔާ އެއްޗެހި ތިޔަ ބޭފުޅުން ޓުވިސްޓުކޮށްގެން ތިގެނެސްދެނީ." ޖާބިރު ވިދާޅުވިއެވެ.

"ދިޔާނާ ވިދާޅުވެފައި އޮންނާނީ ވަކި ގޮތަކަށްވީމަ ވަކި ހާލަތެއްގަ ވަކި ގޮތަކަށޭ ކަންތައް ކުރައްވަން ޖެހެނީ. މި އޮތީނޫންހޭ ވޯޓު އޮޅުވާލާފަ އޮތް ލިސްޓާ ހުރިހާ އެއްޗެއްވެސް. ތިޔަބޭފުޅުން ކިޔުއްވަ ބައްލަވާ ދިޔާނާ ވިދާޅުވާ އެއްޗެހި. ގާނޫނީ ބޭފުޅުން ދިޔާނާމެންނަކީ، އެހެންވީމަ އެބޭފުޅުން ދައްކާ ވާހަކަ ތިޔަބޭފުޅުން ވަރަށް ރަނގަޅަށް ރިސާޗު ކުރަން ޖެހޭނެ" ޖާބިރު ވިދާޅުވިއެވެ.

މީގެ އިތުރުން ކާށިދޫ ދާއިރާއަށް ވާދަކުރުމާ ގުޅޭގެން ޖާބިރު ވިދާޅުވީ މާތްކަލާނގެ ރުއްސެވިއްޔާ ކާށިދޫ ދާއިރާގެ ގޮނޑީގައި އިންނަވާނެ ކަމަށާއި، އެއީ އޭނާގެ އަތްޕުޅުން ފޭރިގަނެފައިވާ ހަލާލު ގޮނޑިއެއްކަމަށެވެ.

ޖާބިރަކީ މީގެ ކުރިންވެސް ގއ އަތޮޅާއި ކާށިދޫ ދާއިރާގެ ރައްޔިތުންގެ މަޖިލީސްގެ މެންބަރުކަންވެސް ކުރައްވާފައިވާ ބޭފުޅެކެވެ. މިހާރުވެސް އޭނާއަކީ ރައީސް ސޯލިހުގެ އެޑްވައިޒަރެއްގެ މަގާމުގައި ހުންނެވި ބޭފުޅެކެވެ.