ހައްދުންމައްޗަށް މިހާރު ކުރަމުންދާ ވިއްސާރައިގައި އެއަތޮޅު ގަމުގައި ފެންބޮޑުވެ ބައެއް ގެތަކަށް ފެންގަނޑު ވަދެއްޖެއެވެ.

މިހާތަނަށް ލ.ގަމުގެ 10 ގެއަކަށް ފެންވަދެގެން ފުލުހުންނަށް ރިޕޯޓުކޮށްފައި ވާކަމަށް ފުލުހުން މައުލޫމާތު ދެއެވެ. އެއަތޮޅުގައި މަސައްކަތްކުރާ ފުލުހުން މިހާރު ދަނީ ފެން ހިއްކުމާއި، ވެލި ބަސްތާ ޖެހުމުގެ މަސައްކަތް ކުރަމުން ކަމަށްވެސް އެއިދާރާއިން ބުނެފައިވެއެވެ. މީގެ އިތުރުން ފުލުހުން ދަނީ ފެނުގެ އަސަރުކޮށްފައިވާ ބައެއް މުދާތައް ހިކި ތަންތަނަށް ބަދަލު ކުރުމުގައި އެހީތެރިކަން ފޯރުކޮށްދެމުން ކަމަށްވެސް މައުލޫމާތު ލިބެއެވެ.

މިހާދިސާއާ ގުޅިގެން އެމްއެންޑީއެފްގެ ސެންޓްރަލް އޭރިއާގެ ސިފައިން، އެރަށުގެ މަގުތަކުން ފެން ހިއްކުމުގެ މަސައްކަތް ކުރަމުން ގެންދާކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ.

މި ވިއްސާރައިގައި އެއްވެސް މީހަކަށް އަނިޔާއެއް ލިބިފައިވާކަމުގެ މައުލޫމާތު ލިބިފައެއް ނުވެއެވެ.