އިންތިހާބެހޭ އާންމު ގާނޫނުނަށް 1ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ރިޝްވަތާއި، ކޮރަޕްޝަނުގެ އަމަލުތައް ނުހިންގުމަށް މިއަހަރުގެ ރައްޔިތުންގެ މަޖިލިސް އިންތިހާބުގައި ވާދަކުރާ ކެނޑިޑޭޓުންނަށާއި، ކެމްޕޭނުކުރަމުންދާ ފަރާތްތަކަށް، އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އިން މިއަދު އިލްތިމާސްކޮށްފިއެވެ.

އެސީސީއިން ނެރުނު ނޫސްބަޔާނުގައި، އެކޮމިޝަނުން ބުނެފައިވަނީ، މިދުވަސްވަރަކީ މަޖިލިސް އިންތިހާބު ދުވަސަވަރަށްވެފައި، އިންތިހާބުގައިވާދަކުރާ ކެނޑިޑޭޓުން ނުވަތަ އިންތިހާބަށް ކެމްޕޭނުކުރަމުންދާ ފަރާތްތަކާއި އެހެނިހެން ފަރާތްތަކުންވެސް އިންތިހާބީ ދާއިރާގެ ވޯޓަށް އަސަރުކުރާނެފަދަ ކޮރަޕްޝަނުގެ އަމަލެއް ހިންގުމަކީ ގާނޫނީގޮތުން ފިޔަވަޅު އެޅޭނެ ކަމެއްކަމަށެވެ.

އިންތިހާބުތަކާއިބެހޭ ގާނޫނުގެ 69ވަނަ މާއްދާގެ ދަށުން އިންތިހާބާ ގުޅިގެން ކޮންމެ ކެނޑިޑޭޓަކަށްވެސް ހަރަދުކުރެވޭނެ އެންމެމަތީ މިންވަރަކީ އެދާއިރާއެއްގައި ވޯޓުލުމުގެ ހައްގުލިބިގެންވާ މީހުންކުރެ ކޮންމެ މީހެއްގެބޮލަށް 2000 ރުފިޔާގެ ނިސްބަތުންކަމުގައި އޭސީސީގެ ނޫސްބަޔާނުގައިވެއެވެ. އަދި ހަރަދުކުރަންވާނީ އެކެނޑިޑޭޓަކު ކުރިމަތިލާ ދާއިރާއެއްގެ ވޯޓުހޯދުމުގެ މަސައްކަތަށް ކަމުގައާއި، ވޯޓުގަތުމާއި ރިޝްވަތުދިނުމަށް އެފައިސާ ހަރަދުކުރުމަކީ ގާނޫނާ ހިލާފު ކަމެއްކަށްވެސް އެކޮމިޝަނުން ބުނެފައިވެއެވެ.

މީގެއިތުރުން އޭސީސީއިން ބުނެފައިވަނީ އިންތިހާބަށް އިއުލާނުކުރާ ދުވަހުންފެށިގެން އިންތިހާބުގެ ދާއިމީ ނަތީޖާ އިއުލާނުކުރާތާ 30 ދުވަހުގެ ނިޔަލަށް ކެނޑިޑޭޓެއްގެ އިންތިހާބީ ހައްގަށް ނުރަނގަޅު އަސަރު ފޯރުވުމަށް މީހަކަށް ނުވަތަ ޖަމާއަތަކަށް އެއްޗެއް ދިނުން ނުވަތަ ދޭން އުޅުމާއި ދޭންބުނުމަކީވެސް ރިޝްވަތު ދިނުން ކަމުގައ ގާނޫނީގޮތުން ބެލެވޭނެ ކަމަށެވެ.