ގާނޫނުއަސާސީ ކުރަހައިދޭ ތަސައްވުރާ އެއް މިންވަރަކަށް، ރައްޔިތުންނަށް އޭގެ މަންފާ ފުރިހަމަ ގޮތުގައި ލިބޭނޭހެން ލާމަރުކަޒީ އުސޫލުން މިރާއްޖޭގެ ހިންގުމުގެ ކަންކަން އަލުން ބައްޓަން ކުރައްވާނެކަމަށް ހޯމް މިނިސްޓަރު އަދި ލޯކަލް ގަވަރަމަންޓް އޮތޯރިޓީގެ ރައީސް ޝެއިހު އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިހެން ވިދާޅުވީ މިއަދު ފާހަގަކުރަމުންދާ ލާމަރުކަޒު ދުވަހުގެ މުނާސަބަތުގައި ފޮނުއްވި ހިތާބުގައެވެ. އިމްރާން ވިދާޅުވީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާގައި ހިމެނިގެން، އެންމެ ފުރަތަމަ ކުރަން ނިންމި މުހިންމު އެއްކަމަކީ ލާމަރުކަޒީ ގާނޫނު އިސްލާހުކޮށް، ރައްޔިތުންނަށް އޭގެ މަންފާ ފުރިހަމަ ގޮތުގައި ލިބޭނެހެން މިރާއްޖޭގެ ހިންގުމުގެ ކަންކަން އަލުން ބައްޓަން ކުރެއްވުން ކަމަށެވެ.

މީގެ އިތުރުން ގާނޫނުއަސާސީ ކުރަހައިދޭ ތަސައްވުރާ އެއް މިންވަރަކަށް ރާއްޖޭގެ ކަންކަން ލާމަރުކަޒު ކުރެވިފައި ނެތީ ގާނޫނުގައި ހުރި ބައެއް އުނިކަންކަމާއި، ގާނޫނުތަކުގައި ހުރި ބައެއް ފުށުއެރުންތަކާއި އަދި އުސޫލީ ކަންކަމުގައި އުފެދިފައި ހުރި ދެބަސްވުންތަކާ ހުރެކަމަށެވެ.

އިމްރާން ވިދާޅުވީ ރާއްޖެއަށް މެދުވެރިވެފައި ހުރި އިޖުތިމާއީ، އިގްތިސާދީ އަދި ސިޔާސީ އެތައް ބައިވަރު މައްސަލަތައް ހައްލުކުރުމަށް އަޅަންޖެހޭ މުހިންމު އެއް ފިޔަވަޅަކީ ހަގީގީ މާނާގައި މިރާއްޖޭގެ ހިންގުން ލާމަރުކަޒު ކުރުންކަމަށެވެ.

"އެހެންކަމުން ލާމަރުކަޒީ ގާނޫނު އަލުން އިސްލާހުވެގެން އަންނައިރު އަންނަން ޖެހޭ އެންމެ މުހިންމު އެއް ކުރިއެރުމަކީ ކައުންސިލްތައް މާލީ ގޮތުން މިނިވަންވާނެ ސާފުސާދާ މަގެއް ހޯދުން. މައި ސަރުކާރަށް ބަރޯސާނުވެ ރަށްރަށާއި އަތޮޅުތައް ހިންގުމަށް ހިނގާ ހަރަދާއި އާންމު ހިދުމަތްތައް ދިނުމަށްޓަކައި ހިނގާ ހަރަދަށް ވުރެ މަދު ނުވާނެ އާމްދަނީއެއް ލިބޭނެ ގޮތެއް ސާފުކޮށް ފެންނަން އޮތުން" އިމްރާން ވިދާޅުވިއެވެ.

މީގެ އިތުރުން މުޅި ރާއްޖޭގެ ގުދުރަތީ މުއްސަނދިކަން ނެތިގެން ނުދާނެހެން ތަރައްގީގެ މަޝްރޫއުތައް ހިންގުމަށާއި، ގުދުރަތީ މުއްސަނދިކަމުގެ މަންފާ އެންމެނަށް އިންސާފުވެރި އުސޫލަކުން ބެހިގެން ދިއުމަށްޓަކައި، ރަށްރަށާއި ފަޅުފަޅާއި އެހެނިހެން ވަސީލަތްތައް އިގްތިސާދީ ބޭނުމަށް ދޫކޮށްލެވޭ އިރު އެކަށީގެންވާ މިންވަރަކަށް ރައްޔިތުންގެ ހިޔާލު ހޯދިގެން ރައްޔިތުންނަށް އޭގެ މަންފާ ކުރާނެހެން އެކަން ކުރެވޭނެ ގޮތެއް ހޯދުމަކީވެސް ކުރަން ޖެހިފައި އޮތް މުހިންމު މަސައްކަތެއް ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މީގެ އިތުރުން ރައީސް ސޯލިހުގެ ވެރިކަމުގެ އެންމެ ފުރަތަމަ ނިންމެވުންތަކުގެ ތެރޭގައި ހިމެނޭ އެއްކަމަކީ ވޭތުވެދިޔަ ތަނުގައި ގާނޫނާ ހިލާފަށް ހިފެހެއްޓިފައި ހުރި ލޯކަލް ކައުންސިލްތަކުގެ ބާރުތަކާއި، ގާނޫނާ ހިލާފަށް ލޯކަލް ކައުންސިލްތަކާމެދު އަޅާފައިވާ ފިޔަވަޅުތައް މުރާޖައާކޮށް އެކަންކަމަށް ހައްލެއް ހޯދުންކަން މިނިސްޓަރ ފާހަގަ ކުރެއްވިއެވެ. އަދި އެކަމުގެ ސަބަބުން ކައުންސިލްތައް ފުރިހަމަގޮތުގައި ހިންގޭނެ ކަމަށާއި، ރައްޔިތުންގެ ކަންކަމުގައި ބަސްބުނެ އެކަންކަމުގައި ފުރިހަމަޔަށް ބައިވެރިވުމުގެ ފުރުސަތު ހޯދައިދެއްވާނެކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.