މިދިޔަ މަހުގެ 18 ވަނަ ދުވަހު އެމްޑީޕީން ބޭއްވި މަޖިލިސް ޕްރައިމަރީގައި ޓިކެޓްތައް ކަށަވަރު ކުރި ކެންޑިޑޭޓުންނާއެކު މަސައްކަތް ކުރުމަށް ކުރީގެ ރައީސް މުހައްމަދު ނަޝީދު ދެއްކެވި ވާހަކަފުޅަށް ވިޔަފާރިވެރިޔާ އަބްދުﷲ ޖާބިރުގެ އަނބިކަނބަލުން ދިޔާނާ ސައީދު ތާއިދުކުރައްވައިފިއެވެ.
ދިޔާނާ މިކަމަށް ތާއިދު ކުރެއްވިކަން ހާމަކުރެއްވީ، އެމްޑީޕީން ބޭއްވި ޕްރައިމަރީގައި ކާށިދޫ ދާއިރާގެ ޓިކެޓް ގެއްލިވަޑައިގެންނެވި، އޭނާގެ ފިރިކަލުން ޖާބިރު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި، ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަނުކުރެވޭ މާއްދާ ބާތިލް ކޮށްދިނުމުގެ މައްސަލައިގައި، ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށް ކޯޓުން ކުރި ހުކުމާއި ގުޅިގެން ނަޝީދު ޓްވީޓެއް ކުރެއްވީމައެވެ.
ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ނަޝީދު ވިދާޅުވެފައި ވަނީ މަޖިލިސް 19 އެމްޑީޕީ ޕްރައިމަރީގައި މިފަހަރު ބަލިވި އެއްވެސް މެންބަރެއް، އެޕާޓީގެ އުސޫލާ ހިލާފަށް އަލުން އިންތިހާބުގައި ވާދަ ނުކުރާނެ ކަމަށް އުއްމީދު ކުރައްވާ ކަމަށެވެ. އަދި ޕާޓީގެ ހުރިހާ މެންބަރުން ވެސް ޕާޓީއާ ރާއްޖޭގެ ސިޔާސީ މަސްލަހަތަށް ބަލާނެ ކަމަށް ދެކި ވަޑައިގަންނަވާ ކަމަށެވެ.
ނަޝީދުގެ މި ވާހަކަފުޅަށް ތާއިތުކުރައްވާ ދިޔާނާ ވިދާޅުވީ، ނަޝީދުގެ ވާހަކަފުޅަށް އެއްބަސްވެ ވަޑައިގަންނަވާ ކަމަށެވެ. ދިޔާނާއަކީ ވެސް ޕްރައިމަރީން ބަލިވެވަޑައިގެންނެވި ކެންޑިޑޭޓެކެވެ. އޭނާ ވިދާޅުވީ ޕްރައިމަރީ އަކީ އިންސާފުވެރި ދެފުށް ފެންނަ އަދި ރަނގަޅަށް ބަލައިގެން ބޭއްވުނު އިންތިހާބެއް ކަމަށެވެ. އަދި ޕާޓީގެ އެންމެ ބޮޑު ވިސްނުމަކީ ވެސް ޓިކެޓް ލިބުނު ކެންޑިޑޭޓާއެކު ސާބިތުވެ ހުރުން ކަމަށެވެ.
ޖާބިރު ހުށަހެޅުއްވި މައްސަލައިގައި ސުޕްރީމް ކޯޓުން ނެރުނު އަމުރުގައި ވަނީ ބަލިވި ކެންޑިޑޭޓުންނަށް އަލުން ކުރިމަތިލުމުގެ ފުރުސަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ދިނުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް އަމުރުކޮށްފައެވެ. އަދި އީސީން ވަނީ އެ ފުރުސަތު ހުޅުވާލިކަން ހާމަކޮށްފައެވެ.
ސްޕްރީމް ކޯޓުގެ ނިންމުމާ އެކު ޖާބިރު އަލުން ކާށިދޫ ދާއިރާއަށް ވާދަ ކުރައްވާކަން ނުވަތަ ނޫންކަން އަދި ކަށަވަރުވާގޮތެއް ނުވެއެވެ.