މީހުންނަށް ފޯނުން ގުޅާފައި ޕާރުސަލަކާ ހަވާލުވެ ދީފައި އެޔަށްވާ ޝިޕިން ޗާޖަސް ދައްކަދޭން އެދި މަކަރާއި ހީލަތުން މީހުން އަތުން ފައިސާ އަތުލުމުގެ މައްސަލަތައް އަނެއްކާވެސް ފުލުހުންނަށް ހުށަހަޅަން ފަށައިފިއެވެ.

ފުލުހުން މައުލޫމާތުދޭ ގޮތުގައި ސަރުކާރު މުއައްސަސާއެއްގެ ޒިންމާދާރު ވަޒީފާއެއްގައި ހުރި މީހެއްގެ ނަމުގައި ފޯނުން ގުޅާފާއި މާލޭން ތިން ފޮށިގަނޑެއް މީހަކު ހަވާލު ކުރާަނެ ކަމަށާއި އެތަކެތި ހަވާލުކުރުމުން އޭގެ ޝިޕިން ޗާޖަސްގެ ގޮތުގައި ފޮށިގަނޑު ހިފައިގެން ދާ ފަރާތަށް 13500 ރުފިޔާ ހަވާލުކޮށްދޭން އެދިފައިވެއެވެ. އެ ފޮށިގަނޑު ގެނައި ފަރާތަށް އެ އަދަދަށް ފައިސާ ހަވާލު ކުރުމަށް ފަހު ރަށަށް އައިސް ފޯނު ކުރިކަމަށް ބުނާ ފަރާތާއި ބައްދަލު ކުރުމުން އެއީ އޭނާގެ އެއްޗެއް ނޫންކަމަށް ބުނުމުން މި ތިން ފޮށިގަނޑު ވަނީ ފުލުހުންނާއި ހަވާލުކޮށްފައެވެ.

ފުލުހުން މި ފޮށިގަނޑުތައް ބަލާ ފާސްކުރި އިރު އޭގައި ހުރީ ހުސް ގަލާ ކުނިބުނި ކަމަށް ފުލުހުން ބުނެއެވެ. އަދި މިއީ މަކަރާ ހީލަތުން ފައިސާ ހޯދުމަށް ކޮށްފައިވާ ކަމެއްކަމަށް ބެލެވޭ ކަމަށްވެސް ފުލުހުން ބުނެއެވެ.

ފުލުހުން ބުނީ އެއްވެސް މީހަކު ފޯނުން ގުޅާފައި ގިނަ އަދަދަކަށް ފައިސާދީފައި ޕާރުސަލަކާއި ހަވާލު ވުމަށް އެދޭނަމަ އެފައިސާ ނުދީ ފުލުހުންނަށް އަވަހަށް ރިޕޯޓު ކުރުމަށެވެ.