އިންޑިއާ އަށް ރާއްޖެ ހިފިދާނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ އަހްމަދު ދީދީ ވިދާޅުވެފައިވާ މައްސަލައާ ގުޅިގެން މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށެހެޅުމަށް ޕީޕީއެމް ކޯލިޝަނަން ހަމަކުރެވުނީ 14 ސޮއި ކަން ހާމަވެއްޖެއެވެ.
މާރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ ހުށަހެޅުމަށް ހަމަ ކުރެވުނީ 14 ސޮއި ކަން ހާމަކުރެއްވީ އެމްއެމްޕީއާރުސީގެ ހިޔާނާތުގެ މައްސަލަ އާއި ގުޅިގެން ގޭގަ މަޑުކުރަން އަންގަވާފައިވާ ޔޫތު އެންޑް ސްޕޯޓްސް މިނިސްޓަރު އަހުމަދު މަހްލޫފް ކުރެއްވި ޓްވީޓަކުންނެވެ.
"މިނިސްޓަރު މާރިޔާ ދީދީގެ އިތުބާރު ނެތް ކަމަށް ހުށަހަޅާފައިވާ ވާހަކަ އަކީ ދޮގެއް، ޕީޕީއެމަށް ހަމަވީ 14 ސޮއި، ވަޒީރެއްގެ އިތުބާރު ނެތްކަމަށް ހުށަހަޅަން 42 މެންބަރުންގެ ސޮއި ބޭނުންވާގޮތަށް ގަވާއިދު ބަދަލުކޮށް މިއަދު އެތިބީ އެ ބޮނޑިވެސް ބޮއެގެން" މަހްލޫފް ވިދާޅުވިއެވެ.
މަޖިލީހުގެ ގަވާއިދަށް އެ އިސްލާހު ގެންނެވީ ޕީޕީއެމްގެ ސަރުކާރުގައި މަޖިލީސް ރައީސް ކަމުގެ މަގާމުގައި ހުންނެވި އަބްދުﷲ މަސީހު މުހައްމަދުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ މަސައްކަތް ކުރަމުން ދަނިކޮށެވެ. އޭރުގެ އިދިކޮޅު ޕާޓީ ތަކުން ވަނީ 45 މެންބަރުންގެ ސޮޔާއެކު މަސީހުގެ އިތުބާރު ނެތްކަމުގެ މައްސަލަ މަޖިލީހަށް ހުށަހަޅާފައެވެ.
ޕީޕީއެމް ކޯލިޝަނުން މަރިޔާގެ އިތުބާރު ނެތް ކަމުގެ މައްސަލަ މަޖިލީހަށް ހުށަހެޅީ އިންޑިއާގެ އަސްކަރިއްޔާއަކީ ވަރުގަދަ އަސްކަރިއްޔާއެއް ކަމަށާއި އިންޑާއާއިން ބޭނުންވެއްޖެ ނަމަ ކޮންމެ ވަގުތެއްގައި ވެސް ރާއްޖެ ހިފިދާނެކަމަށް ވިދާޅުވެ އެ ގައުމުގެ ނޫހަކަށް ދެއްވި އިންޓަވިއުއަކާ ގުޅިގެންނެވެ.
އެ މައްސަލަ މަޖިލީހަށް ހުށަހެޅުމުގެ ކުރިން މާރިޔާ މަޖިލީހުގެ ގައުމީ ސަލާމަތާ ބެހޭ ކޮމިޓީއަށް ހާޒިރު ކުރުމަށް މަސައްކަތް ކުރެއްވި ކަމަށާއި ނަމަވެސް ކޮމިޓީގެ މުގައްރިރެއް ކަނޑަނޭޅި އޮތުމުން އެކަން ކާމިޔަބު ނުވިކަމަށް ޕީޕީއެމް ޕާލިމަންޓަރީ ގްރޫޕުގެ ލީޑަރު އަހްމަދު ނިހާން ވަނީ ވިދާޅުވެފައެވެ.