ގާނޫނު އަސާސީއާ މަޖިލީސް ގަވާއިދުތަކާ ހިލާފް ކަމެއް ނުކުރެއްވޭނެ ކަމަށް އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ވިދާޅުވެއްޖެއެވެ. ރޮޒައިނާ މިހެން ވިދާޅުވީ ބައެއް މުއައްސަސާތަކުގެ ވެރިން މަޖިލީހަށް ހާޒިރު ކުރުމުގައި މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގެ މުގައްރިރަކަށް ރޮޒައިނާ އިންނަވާ ހުރަސް އަޅުއްވާކަމަށް ދެކި އޭނާ މުގައްރިރު ކަމުން ވަކިކުރަން އިދިކޮޅު ކޯލިޝަނުން ހުށަހެޅުމުންނެވެ.
މުއައްސަސާތަކުގެ ވެރިން ހާޒިރު ކުރުމުގެ މައްސަލައަކީ މަޖިލީހުގެ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމިޓީއާ ގުޅުން ހުރި މަސައްކަތަކަށް ވާއިރު އެ ކޮމިޓީގެ މުގައްރިރަކީ ރޮޒައިނާއެވެ.
"އަޅުގަނޑަށް ކިތައްމެ ބިރުދެއްކިޔަސް، ނޯ ކޮންފިޑެންސް ނެގިޔަސް، ގާނޫނު އަސާސީ އާއި މަޖިލީސް ގަވާއިދާއި، މަޖިލީސް އުސޫލްތަކާއި ހިލާފްކަމެއް އަޅުގަނޑު ލައްވާ ނުކުރެވޭނެ، ޝަރީއަތުގައި އޮތް މައްސަލައަކާއި ގުޅިގެން މަޖިލީހުގެ މައްސަލަ ކުރިއަށް ނުގެންދޭ މީގެ ކުރިން ވެސް، ސީޖީ ލާފަ ދިނީމަ ވާނީ" ރޮޒައިނާ ވިދާޅުވިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީގެ މުގައްރިރު ކަމުގެ މަގާމުން ރޮޒައިނާ ވަކިކުރުމަށް އިދިކޮޅު ޕީޕީއެމް ކޯލިޝަނުން ވަނީ ހުށަހަޅާފައެވެ. ރޮޒައިނާ މަގާމުން ވަކިކުރުމަށް ހުށަހަޅާފައިވަނީ ރައީސް ޔާމިނާ މެދު ބޭއިންސާފުން ކަންކުރަމުން ގެންދާކަމަށް ބުނެ، އެކްޓިން ކޮމިޝަނަރ އޮފް ޕޮލިސް މުހައްމަދު ހާމިދާއި ޕްރޮސެކިއުޓަރ ޖެނެރަލް އައިޝަތު ބިޝާމް ކޮމެޓީއަށް ހާޒިރުކުރުމަށް ހުށެހެޅުމުން އެކަން ކުރިއަށް ނުގެންދެވޭނެކަމަށް ރޮޒައިނާ ކަނޑައެޅުއްވުމުންނެވެ.
ޕީޕީއެމް ކޯލިޝަނުން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ކޮންގްރެސް ޕާޓީގެ ރައީސް އަބުދުއްރަހީމް އަބުދުﷲ ވިދާޅުވީ ރައްޔިތުންނާއި ގުޅުންހުރި، ރައްޔިތުން ބޭނުންވާ ކަންތައްތައް މަޖިލީހުގެ ކޮމިޓީތަކުން ނުކުރުމަކީ މައްސަލައެއް ކަމަށެވެ. އަދި އޭރު އިދިކޮޅުގައި ތިއްބެވި މެންބަރުން މިހާރު ކަންތައްތައް ކުރައްވަމުން ގެންދަވަނީ އޭރު އެ ބޭފުޅުން ވަކާލާތު ކުރެއްވި ކަންތައްތަކާއި އިދިކޮޅަށް ކަމަށެވެ.
11 މެންބަރުންގެ މައްޗަށް އެކުލެވޭ މިނިވަން މުއައްސަސާތަކާ ބެހޭ ކޮމެޓީގައި ޕީޕީއެމް ފަސް މެންބަރުން ތިއްބަވާއިރު، އެމްޑީޕީގެ ތިން މެންބަރުނާއި ޖޭޕީގެ ތިން މެންބަރުން އަދި އެމްޑީއޭގެ މެންބަރަކު އިންނަވައެވެ.