ރާއްޖޭގެ އިރުދެކުނުން 760 ނޯޓިކަލް މޭލު ބޭރުގައި މަސްވެރިކަން ކުރަމުންދިޔަ ބޭރުގެ ބޯޓެއްގައި ހިންގި މާރާމާރީއެއްގައި އަނިޔާވި ދެމީހުން އައްޑޫސިޓީއަށް ގެންގޮސްފިއެވެ.

މި ހާދިސާގައި އަނިޔާވި ދެމީހުން އައްޑޫސިޓީއަށް ގެންގޮސްފައި ވަނީ އެމްއެންޑީއެފް ސަދަން އޭރިއާގެ ކޯސްޓްގާޑު ސްކޮޑްރަންގެ އެހީތެރިކަމާއެކީގައެވެ. އެމްއެންޑީއެފްއިން ހާމާކުރިގޮތުގައި، އެ ހާދިސާގެ ހަބަރު އެމްއެންޑީއެފް ކޯސްޓްގާޑު، މެރިޓައިމް ރެސްކިއު ކޯޑިނޭޝަން ސެންޓަރަށް ލިބިފައިވަނީ މިމަހުގެ 20 ވަނަ ދުވަހުގެރޭ ދަންވަރު 01:34 ހާއިރުއެވެ.

އަނިޔާވި ދެމީހުން އަރުވައިގެން ދަތުރުކުރި "ޝެން ފެންގް 3" ނަމަކަށްކިޔާ ބޯޓު 50 މޭލަށް އައްޑޫއާ ކައިރިވުމުން، ޑޮކްޓަރުންގެ ޓީމަކާ ފުލުހުންނާއެކު ކޯސްޓްގާޑުގެ ލޯންޗުގައި ގޮސް، ދެ ބަލިމީހުން ގެނެސްފައިވަނީ މިއަދު މެންދުރު 14:30 ހާއިރުކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. އެދެމީހުން ހިތަދޫ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސްފައިވަނީ މިރޭ އިރާކޮޅު 19:35 ހާއިރުއެވެ.