އެމްޑީޕީގެ ޕްރައިމެރީއިން ނާކާމިޔާބުވި އެޕާޓީގެ އެއްވެސް މެންބަރެއް، ޕާޓީގެ އުސޫލާ ހިލާފަށް އަލުން އިންތިހާބުގައި ވާދަނުކުރާނެކަމަށް އުންމީދުކުރައްވާ ކަމުގައި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މިއަދު ކުރެއްވި ޓްވީޓެއްގައި އެމަނިކުފާނު ވިދާޅުވީ ޕާޓީގެ ހުރިހާ މެންބަރުންވެސް ޕާޓީއާއި ރާއްޖޭގެ ސިޔާސީ މަސްލަހަތަށް ބަލާނެކަމަށް ދެކެވަޑައިގަންނަވާ ކަމަށެވެ. ނަޝީދު މިހެން ވިދާޅުވެފައިވަނީ ޕްރައިމެރީއިން ބަލިވާ ފަރާތްތަކަށް އިންތިޚާބުގައި ވާދަކުރެވޭނެ ކަމަށް ސުޕްރީމްކޯޓުން މިއަދު ކޮށްފައިވާ ހުކުމާ ގުޅިގެންނެވެ.

ސުޕްރީމުކޯޓުން މިއަދު ކޮށްފައިވާ ޙުކުމުގައި ވަނީ ސިޔާސީ ޕާޓީތަކާބެހޭ ގާނޫނުގެ 9 ވަނަ މާއްދާ ބާތިލުކޮށް، ޕާޓީގެ ޕްރައިމަރީއިން ބަލިވާ ފަރާތްކަށްވެސް މަޖިލިސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށާއި، އެފަދަ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމަށް، އިންތިޚާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މާޗުމަހުގެ 4 ވަނަ ދުވަހާ ހަމަށް އިތުރު ކުރުމަށް އިލެކްޝަންސް ކޮމިޝަނުގެ މައްޗަށް އަމުރުކުރާކަމަށެވެ.

ސުޕްރީމް ކޯޓުގެ މިހުކުމާ ގުޅިގެން ނަޝީދު އިތުރަށް ވިދާޅުވީ، ރާއްޖޭގެ ކޯޓުތަކުގެ އަގުވެއްޓި އިތުބާރު ގެއްލިދާ އެންމެ ބޮޑު އެއްސަބަބަކީ ކޯޓުތަކުން އިންތިހާބުތަކަށް ނުފޫޒު ފޯރުވުން ކަމަށެވެ. އަދި 19 ވަނަ މަޖިލީހުގެ އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އިތުރުކުރުމަކީ ސުޕްރީމް ކޯޓަށް ކުރެވޭނެކަމެއް ނޫންކަމަށެވެ.