ވިސްލްބްލޯ ކުރާ ފަރާތްތައް ރައްކާތެރި ކުރުމުގެ ބިލަށް އާންމު ރައްޔިތުންގެ ހިޔާލު ހޯދުމަށް ރައްޔިތުންގެ މަޖިލީހުން މިއަދު ހުޅުވާލައިފިއެވެ.

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކާބެހޭ ކޮމިޓީގައި ދިރާސާ ކުރަމުން ގެންދާ އެބިލަށް، ހިޔާލު ހޯދުމުގެ ފުރުސަތު މިއަދުން ފެށިގެން 2019 މާޗް 20 ވާ ބުދަދުވަހުގެ މެންދުރު 10:00އާ ހަމައަށް ވަނީ ހުޅުވިފައެވެ.

މިބިލަކީ ދައުލަތުގެ އިދާރާތަކުގައާއި އަމިއްލަ ފަރާތްތަކުގައި ހިނގާ ކޮރަޕްޝަނާއި އެނޫންވެސް ނޭދެވޭ ޢަމަލުތައް ހުއްޓުވައި، އެތަންތަން ދެފުށް ފެންނަ، ޖަވާބުދާރީ ވަނިވި ނަޒާހަތްތެރި ސަގާފަތެއް އަށަގެންނެވުމަށްޓަކައި، އެފަދަ ކަންކަން ކުރާފަރާތްތަކުގެ މައުލޫމާތު ހާމަކުރުމުގައި އަމަލުކުރާނެ އުސޫލުތައް ކަނޑައެޅުމާއި، ވިސްލްބްލޯ ކުރާ ފަރާތްތަކަށް ލިބިދޭން ޖެހޭ ރައްކާތެރިކަން ކަނޑައެޅުމަށް ސަރުކާރުގެ ފަރާތުން ހުށައަޅާފައިވާ ބިލެކެވެ.

މިބިލު ސަރުކާރުގެ ފަރާތުން ގަލޮޅު އުތުރުދާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލީހުގެ ތަޅުމަށް ހުށައަޅުއްވައިފައި ވަނީ ފާއިތުވި މިދިޔަ ޑިސެމްބަރު މަހުގެ 3 ވަނަ ދުވަހުއެވެ.