ރައްޔިތުން ވޯޓުދޭންވާނީ ހާޒިރުމަށް ވަގުތުލިބޭ މީހުން ހޮވަން ކަމަށް ބާ އެސޯސިއޭޝަން ރައީސް އަލްއުސްތާޒް ހުސްނުއްސުއޫދު ވިދާޅުވެއްޖެއެވެ.

ސުއޫދު މިހެން ވިދާޅުވީ ކޮރަޕްޝަންގެ މައްސަލަތަކާއި ގޮތްނޭނގޭ މަރުތަކާއި ގެއްލުވާލާފައިވާ މީހުންގެ މައްސަލަތައް ތަހުޤީގު ކުރުމަށް ރައީސް އިބްރާހިމް މުޙައްމަދު ޞާލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރުދިނުމުގެ ބިލަށް ވޯޓަށް އެހޭވަރަށް މެންބަރުން ހަމަނުވާތީ، މަޖިލީހުގެ މިއަދުގެ ޖަލްސާވެސް ނިންމާލުމާ ގުޅިގެންނެވެ.

ބިލެއް ފާސްކުރުމަށް ވޯޓަށް އެހޭނީ 43 މެންބަރުން މަޖިލީހުގެ ތަޅުމުގައި ހާޒިރުވެތިބެގެން ކަމަށާއި، މަޖިލީހަށް ހާޒިރުވެފައިވަނީ 42 މެންބަރުން ކަމަށް މަޖިލީހުގެ ރައީސް ގާސިމް އިބްރާހިމް މިއަދުގެ ޖަލްސާގައި އިޢުލާނުކުރެއްވިއެވެ.

މީގެކުރިން ބޭއްވި މަޖިލީހުގެ ޖަލްސާގައިވެސް ކޯރަމް ހަމަނުވެގެން ރިޔާސީ ކޮމިޝަނަށް ބާރުދޭ ބިލުވަނީ ފާސްނުވެފައެވެ.