އއ. ކުރަމަތި ރިސޯޓުގައި ޖަރުމަނުވިލާތުގެ ފަތުރު ވެރިއަކު މަރުވެއްޖެއެވެ. މަރުވެފައިވަނީ އުމުރުން 60 އަހަރުގެ އަންހެނެކެވެ. ފުލުހުން ބުނީ އޭނާ މަރުވީ ގެނބިގެންނެވެ.

މިހާދިސާގެ ފުލުހުންނަށް ރިޕޯޓު ކޮށްފައިވަނީ ހަވީރު 4:50 ހާއިރެވެ.

ފުލުހުން ބުނީ މަރުވި މީހާގެ ހަށިގަނޑަށް ބޭރުފުށުން އެއްވެސް އިނިޔާއެއް ލިބިފައި ނުވެއެވެ. މި މީހާގެ ހަށިގަނޑު މާލެ ގެނައުމަށް ކުރަންޖެހޭ ކަންކަން އަންނަނީ ކުރަމުން ކަމަށްވެސް ފުލުހުން ބުނެއެެ.

މިފަހަކަށް އައިސް މޫދަން އެރި އުޅޭ ފަތުރުވެރިން ގެނބިގެން މަރުވުން ވަނީ ވަރަށް ބޮޑަށް އާންމު ވެފައެވެ. އެގޮތުން މީގެ ދެ ދުވަސް ކުރިން މާފުށީގައި މޫދަން އެރި އުޅުނު ތުރުކީ އަށް ނިސްބަތްވާ އުމުރުން 40 އަހަރުގެ ފިރިހެނަކު ވަނީ މަރުވެފައެވެ. މީގެ އިތުރުން އއ. ވެލިދޫ އައިލެންޑް ރިސޯޓުގައި ޑައިވިނަށް ގޮސްއުޅުނު އުމުރުން 69 އަހަރުގެ ފަތުރުވެރިޔަކު މީގެ ދެ ހަފްތާ ކުރިން މަރުވެފައިވާއިރު ހަމަ އެ ރިސޯޓުގައި ދެ ހަފްތާ ކުރިން އޮސްޓްރޭލިއާ އަށް ނިސްބަތްވާ އުމުރުން 78 އަހަރުގެ ފަތުރުވެރިއަކު ވަނީ މަރުވެފައެވެ. އަދި މީގެ ތިން ހަފްތާ ކުރިން ރޮބިންސަން ރިސޯޓުގައި މޫދަން އެރި އުޅުނު ޗައިނާ އަށް ނިސްބަތްވާ އުމުރުން 45 އަހަރުގެ ފަތުރުވެރިޔަކުވެސް ވަނީ ގެނބިގެން މަރުވެފައެވެ.