އަންނަ އެޕްރީލް މަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި، އެމްޑީޕީ ޕްރައިމަރީން ބަލިވި ކެންޑިޑޭޓުން އަމިއްލަ ގޮތަށް ކުރިމަތިލާނަމަ ފިޔަވަޅު އަޅާނެކަމަށް އެމްޑީޕީން ބުނެފިއެވެ.

އެމްޑީޕީން މިހެން ބުނެފައިވަނީ، އެ ޕާޓީގެ މެންބަރު އަދި ރައީސްގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރު ސުޕްރީމް ކޯޓަށް ހުށަހެޅުއްވި، ޕްރައިމަރީން ބަލިވިޔަސް އިންތިހާބުގައި ވާދަކުރެވޭނެކަމަށް ކަނޑައަޅައި ދިނުމުގެ މައްސަލައިގައި އެގޮތަށް އެކަން ކުރެވޭނެކަމަށް ހުކުމް ކުރުމުންނެވެ.

ސުޕްރީމް ކޯޓުން މިއަދުު ބާތިލް ކުރީ ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ ބައެކެވެ. ސިޔާސީ ޕާޓީތަކުގެ ގާނޫނުގެ ނުވަ ވަނަ މާއްދާ އަށް 2013 ވަނަ އަހަރު ގެނައި އިސްލާހެއްގައި، އިތުރުކުރި މާއްދާގައި ބުނެފައި އޮންނަނީ އެހެން ގާނޫނެއްގައި އެހެން ގޮތަކަށް އޮތް ކަމުގައި ވިޔަސް ސިޔާސީ ޕާޓީއެއްގައި ރަޖިސްޓްރީކޮށްފައިވާ މެންބަރަކު، ގާނޫނުއަސާސީން ނުވަތަ ގާނޫނަކުން ބާރު ލިބިގެން ބާއްވާ އެއްވެސް އިންތިހާބެއްގައި ސިޔާސީ ޕާޓީގެ ޓިކެޓް ހޯދުމަށް އެ ޕާޓީގެ ޕްރައިމަރީގައި ވާދަކޮށްފައިވާ މެންބަރަކު، އެ އިންތިހާބެއްގައި އެހެން އެއްވެސް ހައިސިއްޔަތަކުން ވާދަކޮށްގެން ނުވާނެ ކަމަށެވެ.

އަދި މިފަދަ މީހަކު އިިންތިހާބެއްގައި ވާދަކުރަން އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅި ނަމަވެސް ކެންޑިޑެސީ ބާތިލްކުރަން ޖެހޭނެ ކަމަށް ވެސް އެ މާއްދާގައި ބުނެފައިވެއެވެ. ނަމަވެސް ސުޕްރީމް ކޯޓުގެ ހުކުމާއެކު މި މާއްދާ އުވިގެންދާނެއެވެ. އަދި އީސީން ވަނީ ކޯޓުގެ އަމުރާ އެއްގޮތަށް އަންނަ މަހުގެ ހަތަރު ވަނަ ދުވަހުގެ ނިޔަލަށް ޕްރައިމަރީން ބަލިވި ކެންޑިޑޭޓުންނަށް ކުރިމަތިލެވޭނެކަން، ހުކުމާ އެއްގޮތަށް ހާމަކޮށްފައެވެ.

އެމްޑީޕީން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެޕާޓީގެ ޑެޕިއުޓީ ސެކެޓްރީ ޖެނެރަލް އަފްޝަން ލަތީފް ވިދާޅުވީ، ސުޕްރީމް ކޯޓުގެ ހުކުމާމެދު ހައިރާންވެލައްވާ ކަމަށެވެ. އަދި އެމްޑީޕީއަކީ ޕާޓީގެ އެތެރޭގެ ވަކި އުސޫލުތަކަކާއި ހަމަތަކެއް ގެންގުޅޭ ޕާޓީއެއް ކަމަށެވެ. އަދި ޕްރައިމަރީން ބަލިވެ ކުރިމަތިލާ ފަރާތްތަކާމެދު ފިޔަވަޅު އަޅާނެ ކަމަށެވެ.

އޭނާ ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމް އަމާޒު ވަނީ އެމްޑީޕިއަށް ކަމަށެވެ. އަދި ސުޕްރީމް ކޯޓުގެ އެ ނިންމެވުމާމެދު ޕާޓީން މަޝްވަރާކޮށް ޕާޓީގެ ލީޑާޝިޕުން ނިންމާގޮތެއް މީޑީއާއާ ހިއްސާ ކުރައްވާނެ ކަމަށް އަފްޝަން ވިދާޅުވިއެވެ.