ގާނޫނީ ވަކީލުންގެ ހުއްދަ ދިނުމާއި ވަކީލުންނާއި ގުޅޭ ކަންތައް ބަލަހައްޓަން އުފައްދާ ބާ ކައުންސިލް އުފެއްދުމަށް ބާރުދޭ ގާނޫނީ ފަންނުގެ ބިލު ފާސްކުރަން ވޯޓަށް ނާހައި އަލުން ދިރާސާ ކުރަން ކޮމިޓީއަށް ފޮނުވާލައިފިއެވެ.
މި ބިލު ބައެއް ބަދަލުތަކާއެކު މިނިވަން މުވައްސަސާތަކުގެ ކޮމިޓީން ނިންމި ގޮތުގެ ރިޕޯޓަށް ވޯޓަށް އަހަން ތާވަލު ކުރީ މިއަދު އޮޮތް މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާގައެވެ. ނަމަވެސް އެ ބިލަށް އަދިވެސް އިސްލާހުތަކެއް ގެންނަަށް ހުރިކަން ފާހަގަކޮށް ބިލް އަނބުރާ ކޮމިޓީއަށް ފޮނުވާލާފައިވަނީ 35 މެންބަރުންގެ ވޯޓާ އެކުގައެވެ. މި ބިލު އަލުން ދިރާސާ ކުރަން ނުފެންނަ ކަމަށް ވޯޓު ދިނީ އެންމެ މެންބަރެކެވެ.
ގާނޫނީ ފަންނުގެ ބިލަށް އަމަލުކުރަން ފަށާނީ އެ ބިލު ތަސްދީގު ކުރެވި ގާނޫނަކަށް ބަދަލުވާ ދުވަހުން ފެށިގެންނެވެ. އަދި ބާ ކައުންސިލްގެ ބިލު ގާނޫނަކަށް ބަދަލުވެ އަމަލު ކުރަން ފެށުމާއެކު ދިވެހި ރާއްޖޭގެ ބާ ކައުންސިލް އުފެދި އެ ކައުންސިލަކީ ގާނޫނީ ގޮތުން އަމިއްލަ މިނިވަން މުސްތަގިއްލު މުއައްސަސާއަކަށް ވެގެންދާނެއެވެ.
ބާ ކައުންސިލް އެކުލަވާލަން ނިންމާފައިވަނީ އިންތިހާބު ކުރާ ހިންގާ ކޮމިޓީއަކާއި އެ ހިންގާ ކޮމިޓީން އެކުލަވާލާ ސަބް ކޮމިޓީތަކެއްގެ މައްޗަށެވެ. ހިންގާ ކޮމިޓީ އެކުލެވެނީ ހަތް މެންބަރުންގެ މައްޗަށެވެ. އެހުރިހާ ފަރާތްތަކަކީވެސް ވަކީލުންނަށް ވާންޖެހެއެވެ. ހިންގާ ކޮމިޓީއެއް މެންބަރުން އައްޔަން ކުރަނީ ވަކީލުންގެ މެދުގައި ނެގޭ ސިއްރު ވޯޓަކުންނެވެ.
ބާ ކައުންސިލަށް އިންތިހާބު ކުރެވޭ އެއްވެސް މެންބަރަކަށް އަދި ބާ ކައުންސިލުގެ ރައީސަކަށް ނުވަތަ ނައިބު ރައީސަކަށްވެސް އެއްވެސް މުސާރައެއް ނުވަތަ އިނާޔަތެއް ނުލިބޭނެއެވެ. ބާ ކައުންސިލަށް ގާނޫނުން ހަވާލުކޮށްފައިވާ ޒިންމާ ތަކުގެ ތެރޭގައި ގާނޫނީ ވަކީލުންނަށް ހުއްދަ ދިނުމާއި ހުއްދަ ބާތިލް ކުރަން ޖެހޭ ހާލަތްތަކުގައި ހުއްދަ ބާތިލް ކުރުމާއި ގާނޫނީ ވަކީލުން ގާނޫނާ ހިލާފުވެއްޖެ ނަމަ ފިޔަވަޅު އެޅުންވެސް ހިމެނެއެވެ. މިކަންކަން ކުރަމުން އަންނަނީ މިހާރު ސުޕްރީމް ކޯޓުންނެވެ.
ގަނޫނީ ފަންނުގެ ބިލުގައި ގަނޫނީ ވަކީލުން އަމަލު ކުރަން ޖެހޭ ގޮތާއި އުސޫލުތައް ވަނީ ބަޔާންކޮށްފައެވެ. އަދި ގާނޫނާ ހިލާފަށް އަމަލުކުރާ ވަކީލުން ބޮޑެތި އަދަދުތަކުން ޖޫރިމަނާ ކުރެވޭ ގޮތްތަށްވެސް އަލުން ދިރާސާކުރަން ފޮނުވި ބިލުގައި ވެއެވެ. މީގެ އިތުރުން ވަކީލުންގެ ހުއްދަ ހިފެހެއްޓުމުގެ ބާރު ބާ ކައުންސިލަށް ދިނުމަށް ވެސް މި ބިލުގައި ވެއެވެ.
ކައުންސިލްގެ ފުރަތަމަ އިންތިހާބު ބޭއްވުން އެ ބިލުން މަތިކޮށްފައިވަނީ އިލެކްޝަންސް ކޮމިޝަނުގެ މައްޗަށެވެ. ބިލުގައި ބުނެފައިވަނީ ގާނޫނު ތަސްދީގުކުރާތާ 21 ދުވަހުގެ ތެރޭގައި ބާ ކައުންސިލްގެ އިންތިހާބު ބާއްވަން ޖެހޭނެ ކަމަށެވެ. މީގެ ކުރިން ގާނޫނީ ވަކީލުންގެ ކަންތައް ބަލަމުން އައީ ސުޕްރީމް ކޯޓުގެ ދަށުން ޑޕާޓްމަންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަން (ޑީޖޭއޭ) އިންނެވެ.