އައްޑޫ ސިޓީ ހިތަދޫން ޒަހަމް ކޮށްލި 46 އަހަރުގެ އިންޑިއާ މީހާ މިއަދު މާލެ ގެނެސްފިއެވެ. އެނާ މާލެ ގެނައީ އެމްއެންޑީއެފް ހެލިކޮޕްޓަރުގައި ހެނދުނު 9:30 އެހާކަށްހާއިރު އެވެ.

ހޯމަދުވަހުގެ ރޭ ފަތިހުގެ ވަގުތެއްގައި ހިތަދޫން ޒަހަމްކޮށްލި އިންޑިއާ މީހާގެ ހާލު ސީރިއަސް ކަމަށާއި އިތުރު ފަރުވާއަށް މާލެ ގެންދިއުމަށް ހިތަދޫ ރީޖަނަލް ހޮސްޕިޓަލުގެ ޑޮކްޓަރުން އޮތީ އިރުޝާދު ދީފައެވެ. އޭނާގެ ހާލު އޭރު ސީރިއަސް ވުމުން އޭނާ މާލެ ގެނައުމުގައި ގޮންޖެހުންތަކެއް ކުރިމަތިވިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މި މައްސަލައާއި ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ތިން މީހުން ހައްޔަރުކޮއްފައިވާ ކަމަށެވެ. އަދި ހައްޔަރުކޮށްފައި ވަނީ އުމުރުން 18 އަހަރުގެ ފިރިހެނަކާއި، 24 އަހަރުގެ ދެ ފިރިހެނުންނެވެ. ނަމަވެސް އެއީ ކޮން ޤައުމެއްގެ ބައެއްކަމެއް ފުލުހުން ހާމަކޮށްފައެއް ނުވެއެވެ.

އިންޑިޔާ މީހާގެ ބޮލާއި ލޮލަށް އަދި މޫނަށް ފުން ޒަހަމްތަކެއް ލިބިފައިވާކަމަށް ފުލުހުން ބުނެއެވެ. އޭނާގެ ކަނާތު ލޯ އެއްކޮށް ހަލާކުވެފައި ވާއިރު ލޮލުގެ ފެނުން އެއްކޮށް ގެއްލިފައިވާ ކަމަށް ހޮސްޕިޓަލުން މައުލޫމާތު ލިބެއެވެ.

ހޮސްޕިޓަލުން ބުނާގޮތުގައި އޭނާގެ ބޮލަށް ލިބިފައިވާ ގެއްލުން އެނގޭނީ ސީޓީސްކޭނެއް ހަދައިގެންނެވެ.

ބިދޭސީ މީހާ ރާއްޖެ އެތެރެވެފައިވަނީ ހިތަދޫގައި މަސައްކަތް ކުރުމަށެވެ. އަދި އޭނާ އަކީ ހިތަދޫގައި އުޅޭތާ ވަރަށްގިނަ ދުވަސްވެފައިވާ މީހެއް ކަމަށް މައުލޫމާތު ލިބެއެވެ.

އޭނާ އަށް ހަމަލާ ދީފައިވަނީ ހިތަދޫ ބޮޑުމަގުން ބައިސްކަލުގައި ދަނިކޮށް ހޯމަދުވަހުގެ ރޭ ފަތިހު 4.00 ހާއިރެވެ.