އަންނަ އެޕްރީލް ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ކެންޑިޑޭޓުން ކަނޑައެޅުމަށް ބޭއްވި ޕްރައިމަރިން ބަލިވި ކެންޑިޑޭޓުންގެ ތެރެއިން މަޖިލިސް އިންތިހާބަށް ކުރިމަތިލާން ބޭނުންވާ ފަރާތްތަކަށް އެފުރުސަތު ހުޅުވާލައިފިއެވެ.

މި ފުރުސަތު އީސީން ހުޅުވާލާފައިވަނީ، ޕާޓީތަކުގެ ޕްރައިމަރީ އިން ބަލިވާ ފަރާތްތަކަށް ރައްޔިތުން މަޖިލީހުގެ އިންތިހާބުގައި ވާދަކުރެވޭނެކަމަށާއި، އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް މަޖިލިސް އިންތިހާބަށް ކުރިމަތިލެވޭގޮތަށް ފުރުސަތު ހުޅުވާލުމަށް އިލެކްޝަންސް ކޮމިޝަންގެ މައްޗަށް ސުޕްރީމް ކޯޓުން މިއަދު ހުކުމް ކުރުމާއި ގުޅިގެންނެވެ.

ސުޕްރީމް ކޯޓުން ކުރި ހުކުމްގައި ބުނެފައިވަނީ އިންތިހާބުތަކާ ބެހޭ ގާނޫނުގައި އޮންނަ މާއްދާ ބާތިލްކޮށް އެފަދަ ފަރާތްތަކަށް މަޖިލިސް އިންތިހާބުގައި ވާދަކުރެވޭނެ ކަމަށެވެ. އަދި އެ ފަރާތްތަކަށް އެފުރުސަތު ފަހިކޮށްދިނުމުގެ ގޮތުން މަޖިލިސް އިންތިހާބަށް ކުރިމަތިލުމުގެ މުއްދަތު އަންނަ މަހުގެ ހަތަރު ވަނަ ދުވަހާ ހަމައަށް ހުޅުވާލުމަށް ސުޕްރީމް ކޯޓުގެ ހުކުމްގައި ބުނެފައިވެއެވެ.

މިކަމާއި ގުޅިގެން އީސީގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވީ ސުޕްރީމް ކޯޓުގެ ހުކުމާއި ގުޅިގެން ޕްރައިމަރީ އިން ބަލިވި ފަރާތްތަކަށް ކުރިމަތިލުމުގެ ފުރުސަތު މާޗް 4 އާ ހަމައަށް ހުޅުވާލާފައިވާ ކަމަށެވެ. އެހެން ނަމަވެސް، އިންތިހާބު ބޭއްވުމަށް ޝެޑިއުލްކޮށްފައިވާ ތާރީހުގައި އިންތިހާބު ބާއްވާނެ ކަމަށެވެ.