ބެންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ތައާރަފްކޮށްފައިވާ ބީއެމްއެލް ވެހިކަލް ލޯނަން ގިނަ ބައެއްގެ ފާޑުކިޔުންތަކެއް އަމާޒުވާން ފަށައިފިއެވެ.

ކުޑަ ހޭދައެއް ކޮށްގެން ފަސޭހަކަމާއެކު އެއްގަމު އުޅަނދެއް ގަތުމަށް މަގު ފަހިކޮށްދިނުމުގެ ނަމުގައި ބީއެމްއެލް އިން ތައާރަފް ކުރި ވެހިކަލް ލޯނުގައި ރަހުނެއް ބަހައްޓާކަށް ނުޖެހެއެވެ. އެހެންނަމަވެސް ނަގާ އަދަދުގެ 20 އިންސައަތް ދައްކަން ޖެހެއެވެ. 18 އިންސައްތައިގެ ބޮޑު އިންޓަރެސްޓަކާއެކު ދޫކުރާ މިލޯނު 500000 ރުފިޔާ އާ ހަމައަށް ނެގޭނެ ކަމަށް ބީއެމްއެލުން ބުނެއެވެ. 18 އިންސައްތައިގެ އިންޓަރެސްޓާއެކު 5 އަހަރު ދުވަހަށް މިލޯނު ބަހާލީމާ ޖުމްލަ 760000 އަށްވުރެ ބޮޑު އަދަދެއް ބޭންކަން ދައްކަން ޖެހޭނެއެވެ. އިންޓަރެސްޓްގެ ގޮތުގައި އެކަނި 261000 އަށް ވުރެ ބޮޑު އަދަދެއް ދައްކަން ޖެހޭނެއެވެ.

ބީއެމްއެލްގެ މިލޯނަށް ފާޑުކިޔާ ފަރާތްތަކުން ބުނަމުން ދަނީ މާލެ ހިތްގައިމު ތަނަކަށް ހެދޭނީ ދުއްވާ އެއްޗެހި މަދުކޮށްގެން ފައިމަގުގައި ހިނގަން ފަސޭހަކޮށްގެން ކަމަށެވެ. އެހެން ކަމުން މިފަދަ ސްކީމް ތަކަކީ މާލެއަށް އިތުރު ވެހިކަލްތައް އައުމަށް މަގު ފަހިފާ ކަމެއް ކަމަށެވެ.

ސިންގަޕޫރު ގައި ވެހިކަލް ލޯނުގެ އިންޓްރެސްޓް ރޭޓު %2 - %3، މެލޭޝިޔާ ގައި %3 - %4 އަދި އިންޑިއާ ގައި %8 - %9 އަށް ހުރި އިރު ރާއްޖޭގައި ވެހިކަލް ލޯނުގެ އިންޓްރެސްޓް ރޭޓް %18 ޕަސެންޓް އަށް ކަޑައަޅާފައި ވަނީ ކީއްވެ ކަމާމެދު ގިނަ ބަޔަކު ވަނީ ސުވާލު އުފައްދާފައެވެ.

އެގޮތުން ބީއެމްއެލްގެ މި ލުއި ލޯނަށް ފާޑު ވިދާޅުވަމުން މާލެ ވޯޓާ އެންޑް ސެވަރޭޖް ކޮމްޕެނީ (އެމްޑަބްލިއުއެސްސީ) ގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް ވިދާޅުވެފައި ވަނީ ބީއެމްއެލްގެ ވެހިކަލް ލޯނަކީ އެހާ ހިތްގައިމު ޕްރޮޑަކްޓެއް ނޫން ކަމަށާއި އަލުން ވިސްނާލުން ރަނގަޅު ކަމަށެވެ. މީގެ އިތުރުން މާލެ ތޮއްޖެހި، ހިނގާނެ ތަންކޮޅެއް ނެތިގެން ކުޑަކުދިންނާއި، އެހެނިހެން ރައްޔިތުން ކުދި ތަންތަންކޮޅުގައި އުޅެން ޖެހިފައިވާއިރު ވެހިކަލްތައް މަދުވާނެ ގޮތަކަށް އެންމެން ވިސްނުން ރަނގަޅު ވާނެ ކަމަށް އާޒިމް ވިދާޅުވިއެވެ.

މިލޯނަށް ފާޑު ވިދާޅުވަމުން އެސްޓީއޯގެ މެނޭޖިން ޑައިރެކްޓަރު ހުސައިން އާމިރު ވިދާޅުވެފައި ވަނީ މާލެއަކީ ހިތްފަސޭހަ ތަނަކަށް ހެދުމަށް އެންމެންވެސް އެއް މިސްރާބަކަށް މަސައްކަތް ކުރުން ވަރަށް މުހިންމު ކަމަށެވެ.

ވެހިކަލް ލޯނުގެ ދަށުން ސައިކަލް ގެ އިތުރުން ކާރާއާއި ޕިކަޕު ފަދަ ވެހިކަލްތައް ގަންނަށް ބޭނުންވާ ފަރާތްތަކަށް ވެސް ފުރުސަތު އޮވެއެވެ.