ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސަރުކާރުން ފުއްދެވުމަށް ވެވަޑައިގެންފައިވާ ވައުދުތައް ފުއްދޭނީ ޖުމްހޫރީ ޕާޓީ ހިމެނޭގޮތަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނަށް މަޖިލީހުގެ މެޖޯރިޓީ ލިބިވަޑައިގެން ކަމަށް މާފަންނު ދެކުނު ދާއިރާގެ ޕީޕީއެމް މެންބަރު އަބްދުﷲ ރިފާއު ވިދާޅުވެެއްޖެއެވެ.

އަންނަ އެޕްރީލް މަހުގެ ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ޕްރޮގްރެސިވް ކޯލިޝަނުން މަޖިލީހުގެ 49 ދާއިރާއަކަށް ވާދަކުރުމަށް ނިންމާ ކެންޑިޑޭޓުންނާއި ޓިކެޓް ވަނީ ހަވާލުކޮށްފައެވެ. އަދި ޖުމްހޫރީ ޕާޓީން ވާދަކުރާ 41 ކެންޑިޑޭޓުންނަށް ތާއިދުކުރުމަށް އެ ކޯލިޝަނުން ވަނީ ނިންމާފައެވެ.

މަޖިލިސް އިންތިހާބުގައި އިދިކޮޅަށް މެޖޯރިޓީ ލިބެންޖެހޭނެކަމަށް ވިދާޅުވެ ރިފާއު ވިދާޅުވީ ޕާޓީއަށް ސިޔާސީ ބާރުވެރިކަމެއް ލިބެން އަންނާނީ ރައްޔިތުންގެ މަޖިލީހުގެ ގިނަ އަދަދެއްގެ ގޮނޑިތަކެއް ލިބިގެން ކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ ބޮޑަށް ފައިދާ ވާނީ ވެސް މަޖިލީހުގެ ގިނަ ގޮނޑިތަކެއް އިދިކޮޅު ސިޔާސީ ޕާޓީތަކަށް ލިބިގެން ކަމަށް ރިފާއު ވިދާޅުވިއެވެ.

"މިހާރު އަޅުގަނޑުމެން ޖުމްހޫރީޕާޓީގެ ގިނަ ކެންޑިޑީޓުންތަކަށް މިދަނީ ތާއިދު ކުރަމުން. ޖުމްހޫރީޕާޓީ ޕީޕީއެމް ޕީއެންސީ، މި ވިސްނުމުގެ ތެރެއިން މަޖިލީހުގެ މެޖޯރިޓީ އައިސްފިކަމުގައި ވާނަމަ ރައްޔިތުންނަށް ސަރުކާރުން ވެފައި ހުރި ވައުުދުތައް ފުއްދުމުގައި ރައްޔިތުންނަށް އެންމެ ލުއި ފަސޭހަވެގެންދާނީ" ރިފާއު ވިދާޅުވިއެވެ.

ރިފާއު ވިދާޅުވި ސަރުކާރުގެ ވައުދުތައް ފުއްދައި ދިނުމުގައި ރައްޔިތުންގެ މަޖިލީހުން ކުރަންޖެހޭ ހުރިހާ ކަމެއް ކުރައްވާނެ ކަމަށެވެ. އަދި މަޖިލީހަށް އޭގެ ވައުދެއް ފުއްދުމަށްޓަކައި ގާނޫނެއް އިސްލާހުކުރަން އަދި އާ ގާނޫނެއް އައި ނަމަވެސް، އެކަމަށް ފުރިހަމަ އެއްބާރުލުން ދެއްވާނެ ކަމަށެވެ.

އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުން ޖުމްހޫރީ ޕާޓީގެ ކެންޑިޑޭޓުންނަށް ތާއިދުކުރުމަށް ނިންމާފައިވާ އިރު، ޖުމްހޫރީ ޕާޓީން ބުނެފައިވަނީ އެ ޕާޓީން އިދިކޮޅު ކޯލިޝަންގެ ކެންޑިޑޭޓުންނަށް ތާއިދު ނުކުރާނެ ކަމަށެވެ. ކޯލިޝަން ލީޑަރުންގެ މެދުގައި ދިމާވި ދެބަސްވުންތަކާއި ގުޅިގެން ޖޭޕީން އަންނަނީ ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުންނެވެ.

ޖޭޕީން އިދިކޮޅު ކޯލިޝަނާއެކު އެއްބަސްވުމަކަށް އައިސްފައިވާ ކަމަށް ބައެއް މީޑިއާތަކުގައި ހަބަރުފަތުރާފައިވީ ނަމަވެސް، އެކަން ޖޭޕީން އަންނަނީ ދޮގުކުރަމުންނެވެ. ފަހަކަށް އައިސް އިދިކޮޅު ކޯލިޝަނުން އަންނަނި ޖޭޕީގެ ލީޑަރު އަދި މަޖިލީހުގެ ރައީސް ގާސިމް އިބްރާހީމަށް ވެސް ތާއިދުކުރައްވާ ކަމާއި، ގާސިމް އަކީ ވެރިކަމަށް މިވަގުތު ގެންނަން އެންމެ ރަނގަޅު ބޭފުޅެއްކަމަށް ބުނެފައެވެ.