މިފަހަކަށް އައިސް މިސްރުގައި މަރުގެ ހުކުމް ތަންފީޒު ކުރާ މިންވަރު އިތުރުވުމާއި ގުޅިގެން، އިންސާނީ ހައްގުތަކާއި ބެހޭ އދގެ އިދާރާއިން ކީ ފާޑުކިއުންތަކަށް މިސްރުން ބީރުކަންފަތެއް ދީފިއެވެ.

މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ ލާއިންސާނީ އަނިޔާ ދީގެން އިއުތިރާފުވީ ބައެއްގެ މައްޗަށްކަމަށް ތުހުމަތުކޮށް އދއިން އަމާޒުކޮށްފައިވާ ފާޑުކިއުންތަކަށް ރައްދުދެމުން މިސްރުން ބުނީ މިސްރަކީ އެގައުމުގެ ސަރުއަތާއި އަދުލު އިންސާފުގެ ނިޒާމަށް އެއްވެސް ފަރާތަކުން ނުފޫޒު ފޯރުވަން ފުރުސަތު ދޭނެ ގައުމެއް ނޫންކަމަށެވެ.

މިސްރުގެ ހާރިޖިއްޔާއިން އާންމުކުރި ބަޔާނެއްގައި ބުނެފައިވަނީ މިދިޔަ ބުދަ ދުވަހު ދަންޖައްސައިގެން މަރުގެ ހުކުމް ތަންފީޒުކޮށްފައިވާ 9 މީހުންނަކީވެސް އިންސާފުވެރި، ފެފުށްފެންނަ ސަރިޔަތެއްގެ ތެރެއިން ހުކުމް އިއްވާ ތަންފީޒު ކުރެވުނު ބައެއް ކަމަށެވެ. މި 9 މީހުންނަކީ މިސްރުގެ އިސް ޕްރެސެކިއުޓާ ހިޝާމް ބަރަކާތު އަވަހާރަކޮށްލި ހާދިސާގައި ޝާމިލުވާ ބައެއް ކަމަށް މިސްރުން ބުނެއެވެ.

އިންސާނީ ހައްގުތަކާއި ބެހޭ އދގެ އިދާރާގެ ތަރުޖަމާނު ރުޕާޓް ކޯލްވިލް ވިދާޅުވީ، މަރުގެ ހުކުމް ތަންފީޒު ކުރާއިރު އެމީހުންނަކީ ސަރުއީ ހުރިހާ އިޖުރާއަތުތަކެއް ފުރިހަމަކުރުމަށްފަހުގައި ހުކުމް ތަންފީޒު ކުރެވޭ ބަޔަކަށް ވާންޖެހޭނެކަމަށެވެ. އަދި ލާއިންސާނީ އަނިޔާ ދިން ކަމަށް ބުނާ މައްސަލަ ތަހުގީގު ކުރެވެންޖެހޭނެ ކަމަށްވެސް އދގެ އޮފިޝަލު ވަނީ ވިދާޅުވެފައެވެ.

މިއަހަރުގެ މިހާ ހިސާބަށް އައިއިރު މިސްރުން ވަނީ 15 މީހެއްގެ މައްޗަށް މަރުގެ ހުކުމް ތަންފީޒުކޮށްފައެވެ.