ޗައިނާއަށް އެމެރިކާއާށް އެތެރެކުރާ މުދަލުން ޓެރިފް ޓެކްސްގެ ގޮތުގައި ނަގާ މިންވަރު އަދިވެސް އިތުރުކުރުމަށް ނިންމި ނިންމުން ތަންފީޒު ކުރުން ފަސްކުރުމަށް އެމެރިކާގެ ރައީސް ޑޮނާލްޑް ޓްރަމްޕް ކަނޑައަޅުއްވައިފިއެވެ.

ޓްރަމްޕް މިކަން ނިންމެވީ، ޗައިނާގެ ކަމާއި ބެހޭ ފަރާތްތަކާއިއެކު މިދިޔަ ހަފުތާ ބަންދުގައި ކުރިއަށް ގެންދެވި މަޝްވަރާތަކުން އެދެވޭ ކުރިއެރުންތަކެއް ހާސިލުވެފައިވާކަމަށް ވިދާޅުވުމަށްފަހުގައެވެ. މީގެ އިތުރުން ޗައިނާގެ ރައީސް ޝީ ޖީންޕިންގްއާއިއެކު ބައްދަލުވުމެއް ކުރިއަށް ގެންދަވާނެކަންވެސް ޓްރަމްޕް ވަނީ ހާމަކުރައްވާފައެވެ.

ކުރެއްވި ޓްވީޓެއްގައި ޓްރަމްޕް ވިދާޅުވީ، ފިކުރީ މުދާ ހިމާޔަތްކުރުމާއި، ޓެކްނޮލޮޖީ ބަދަލުކުރުމާއި، ދަނޑުވެރިކަމާއި، ހިދުމަތުގެ ސިނާއަތާއި ފައިސާއާއި ގުޅުން ހުރި ކަންކަމާއި ގުޅިގެން ކުރިއަށް ދިޔަ މަޝްވަރާތަކުގައި ކުރިއެރުންތަކެއް ހޯދިފައިވާކަމަށެވެ.

ކުރިން ހަމަޖެހިފައި އޮތް ގޮތުން، ޗައިނާއިން އެމެރިކާއަށް އެތެރެކުރާ 200 ބިލިއަން ޑޮލަރުގެ މުދަލުން ނަގާ ޓެރިފް، %10 އަކުން %25 އަށް މާޗް 1 ވަނަ ދުވަހުން ފެށިގެން އަދިވެސް ބޮޑު ކުރާނެއެވެ. މިކަމަށް އަމަލުކުރުން މިހާރު ފަސްކުރި ނަމަވެސް، މާ ބޮޑު ތަފްސީލެއް އަދި ލިބިފައެއް ނެތެވެ.

ދުނިޔޭގެ އެންމެ ވަރުގަދަ 2 އިގުތިސޯދުގެ މެދުގައި ފެށުނު ވިޔަފާރީގެ ހަނގުރާމައާއިއެކު މުޅި ދުނިޔެހެން ވަނީ ނުތަނަވަސްކަމެއްގެ ތެރެއަށް ވެއްޓިފައެވެ.