ތޯލިބާނުންގެ ބާނީންގެ ތެރޭގައި ހިމެނޭ މުއްލާ އަބްދުލްޣަނީ ބަރާދަރު، ހޯމަ ދުވަހުގެ ވަގުތެއްގައި ގަތަރަށް ދާނެ ކަމަށް ހަބަރު ލިބިއްޖެއެވެ.

މުއްލާ ބަރާދަރު ގަތަރަށް ދަނީ، އަފްޣާނިސްތާނުގައި ސުލްހަ ގާއިމު ކުރުމާ ބެހޭ ގޮތުން އެމެރިކާއިން ކުރިއަށް ގެންދާ މަޝްވަރާތަކުގައި ބައިވެރިވުމަށެވެ.

މުއްލާ ބަރާދަރަކީ ގަތަރުގައި ހުންނަ ތޯލިބާނުންގެ ސިޔާސީ އޮފީހުގެ އިސްވެރިޔާއެވެ. ނަމަވެސް މިހާތަނާއި ޖެހެންދެން އޭނާ ދިރިއުޅެމުން ގޮސްފައި ވަނީ ޕާކިސްތާނުގައެވެ.

އެމެރިކާއިން ވަނީ ތޯލިބާނުންނާ ދެކޮޅަށް ކުރި 17 އަހަރުގެ ދިގު ހަނގުރާމަ ނިމުމަކަށް އައިސްފައިވާކަން މިދިޔަ ޖެނުއަރީ މަހު އިއުލާންކޮށްފައެވެ. މަޝްވަރާތަކަކަށްފަހު އެމެރިކާއިން މިކަން އިއުލާން ކުރި ނަމަވެސް، މީގެ ކުރިން ބާއްވާފައި ނުވާވަރުގެ ކާމިޔާބު އެ މަޝްވަރާތަކުގައި ދެކެވުނު ވާހަކަތަކާ ބެހޭ އިތުރު ތަފްސީލެއް، އެމެރިކާގެ މަންދޫބު ޒަލްމޭ ޚަލީލުޒާދު ހާމަކުރައްވާފައެއްނުވެއެވެ.

ތޯލިބާނުން ވެސް ވަނީ އެމެރިކާއާ އެކު ކާމިޔާބު މަޝްވަރާތަކެއް ކުރިއަށް ދިޔަކަން ހާމަކޮށް، ދެބަސްވުން ހުރި ކަންތައްތަކާ މެދު އަދިވެސް އިތުރަށް މަޝްވަރާ ކުރާނެ ކަމަށް ބުނެފައެވެ.

ތޯލިބާނުން އަދިވެސް ދަނީ އަފްޣާނިސްތާނުގެ އޮފިޝަލުންނާއިއެކު ސީދާ މަޝްވަރާތައް ކުރިއަށް ގެންދިއުމަށް އިންކާރު ކުރަމުންނެވެ. ތޯލިބާނުން ސިފަކުރާ ގޮތުގައި އަފްޣާނިސްތާނުގައި ވެރިކަން ހިންގަމުންދަނީ "ގޮނޑޮކޮއްކޮ" ސަރުކާރަކުންނެވެ.

ތޯލިބާނުންނަކީ އަފްޣާނިސްތާނުގައި ހަރަކާތްތެރިވަމުންދިޔަ ކުރީގެ ސޯވިއެޓް ޔޫނިއަންއިން އަފްޣާނިސްތާނު "ދޫކޮށްލުމާއި"އެކު އުފެދިގެން އައި ޖަމާއަތެކެވެ. އަފްޣާނިސްތާނުން ވަނީ ދީނީ ގޮތުން "ހަރުކަށިފިކުރު"ގެ ވެރިކަމެއް 1996 ވަނަ އަހަރުން 2001 ވަނަ އަހަރުގެ ނިޔަލަށް އަފްޣާނިސްތާނުގައި ކޮށްފައެވެ. އަފްޣާނިސްތާނުގައި ތޯލިބާނުންގެ ވެރިކަން ވައްޓާލީ، 2001 ވަނަ އަހަރުގެ ސެޕްޓެމްބަރު 11 ވަނަ ދުވަހުގެ ހަމަލާއާއި ގުޅިގެން އެމެރިކާގެ އަސްކަރިއްޔާއަށް އަފްޣާނިސްތާނަށް އަރާ، ހަނގުރާމަ ފެށި ހިސާބުންނެވެ.