ބަންގްލަދޭޝްއިން ފުރައިގެން ދުބާއީއަށް ދަތުރުކުރުމުން ދިޔަ މަތިންދާ ބޯޓު ހައިޖެކް ކުރަން މަސައްކަތް ކުރި މީހެއްގެ ގަޔަށް ބަޑިޖަހާ މަރާލައިފިއެވެ.
މޭމަތީގައި ބޮމެއް ބަނދެފައިވާ ކަމަށާއި އޭނާގެ އަތުގައި ބަޑިއެއްވެސް އޮތްކަމަށް އަމިއްލައަށް ބުނަމުންދިޔަ މީހާގެ ގަޔަށް ބަޑިޖަހާ މަރާލާފައިވަނީ ބަންގްލަދޭޝްގެ ސްޕެޝަލް ފޯސަސް ޔުނިޓުން ކަމަށް މައުލޫމާތު ލިބެއެވެ. ބަންގްލަދޭޝްގެ ސްޕެޝަލް ފޯސަސްގެ މެމްބަރުން މި ބޯޓަށް އަރާފައިވަނީ، ހައިޖެކް ކުރުމުގެ ނުރައްކާ އޮތުމުގެ ސަބަބުން، ޗިޓަގޮންގްގައި މި ބޯޓު ކުއްލި ގޮތަކަށް ޖެއްސި ހިސާބުންނެވެ.
ބަންގްލަދޭޝް އެއާލައިންސް ފްލައިޓް ބީޖީ147 އިން ދަތުރުކުރަމުންދިޔަ 148 ފަސެންޖަރުންނާއި ކްރޫ، ރައްކާތެރިކަމާއިއެކު ބޯޓުން ބަލާފައިވާކަމަށް މައުލޫމާތު ލިބެއެވެ. ނަމަވެސް އެމީހަކު ބޯޓު ހައިޖެކް ކުރަން އުޅުނީ ކީއްވެކަމެއް އަދި ސާފުވާ ގޮތެއް ނުވެއެވެ.
އަސްކަރިއްޔާގެ އޮފިޝަލުން ވިދާޅުވީ ގާތްގަނޑަކަށް 25 އަހަރު ވެފައިވާނެ ކަމަށް ބެލެވޭ ހައިޖެކާއަށް ހަމަލާ ދިނުމާއިއެކު އޭނާ ޒަހަމްވި ކަމަށާއި، މަރުވީ ފަހުން ކަމަށެވެ. މޭޖާ ޖެނެރަލް މުތީއުއްރަޙުމާން ވިދާޅުވީ ފުރަތަމަ މަސައްކަތްކުރީ އޭނާ ހައްޔަރުކުރުމަށް ނުވަތަ އަމިއްލައަށް ކަމާއި ބެހޭ ފަރާތްތަކާއި ހަވާލުވޭތޯ ކަމަށާއި، ނަމަވެސް އެ 2 ފުރުސަތަށްވެސް އޭނާ އިންކާރުކޮށް ހުރަސްއެޅުމުން ބަޑިޖަހަން މަޖުބޫރުވީ ކަމަށެވެ.
މޭޖާ ޖެނެރަލް މުތީއުއްރަޙުމާން ވިދާޅުވީ މަތިންދާބޯޓު ހައިޖެކް ކުރަން އުޅުނީ ބަންގްލަދޭޝް މީހެއް ކަމަށާއި، ފިސްތޯލައެއް ފިޔަވާ އިތުރު އެއްވެސް އެއްޗެއް އެމީހާގެ ހަށިގަނޑުން ފެނިފައި ނުވާކަމަށެވެ.
މީޑިއާގައި ދައުރުވި ބައެއް ޚަބަރުތަކަށް ބަލާއިރު ހައިޖެކް ކުރަން މަސައްކަތްކުރި މީހާއަކީ ނަފުސާނީ ބަލި ހުންނަ މީހެކެވެ. އަދި އެމީހާގެ ޑިމާންޑަކަށްވީ، ބަންގްލަދޭޝްގެ ބޮޑުވަޒީރާ ޝައިހު ހަސީނާއާއި ވާހަކަ ދެއްކޭނެ ގޮތް ހަދާދިނުމެވެ. އޭރު ޝައިހު ހަސީނާ ގެންދަވަނީ ޗިޓަގޮންގްއަށް ޒިޔާރަތެއް ކުރައްވަމުންނެވެ.
މިމާހާ ބޯޓު ހައިޖެކް ކުރަން އުޅޭ ކަމުގެ ޝައްކުތަކެއް ކުރެވުނީ ބޯޓުގައި ހަރަކާތްތެރިވަމުންދިޔަ ކްރޫއަށެވެ.