ސިޔާސީ ޕާޓީގެ ޕްރައިމަރީގައި ބަލިވިޔަސް އިންތިހާބުގައި ވާދަނުކުރެވޭނެ ގޮތަށް ޕާޓީތަކުގެ ގާނޫނުގައި އޮންނަ މާއްދާ ބާތިލްކުރަން ސުޕްރީމް ކޯޓަށް ހުށަހެޅި މައްސަލައިގެ ހުކުމް އިއްވުން މާދަމާ ސުޕްރީމް ކޯޓުގައި ތާވަލްކޮށްފިއެވެ.

ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ސްޕެޝަލް އެންވޯއީ އަބްދުﷲ ޖާބިރާއި ވަކީލް އަބްދުލްމާނިއު ހުސައިންގެ އިތުރުން ސ. ހިތަދޫ ގުލްހަޒާރުގޭ އަހުމަދު މުހައްމަދުގެ ފަރާތުން ހުށަހެޅި މި މައްސަލައިގެ އެންމެ ފަހުން އޮތް އަޑުއެހުމުގައި ފަނޑިޔާރުންގެ ބެންޗުން ވިދާޅުވެފައި ވަނީ އިތުރު ކަމެއް ސާފުކުރަން ނުޖެހޭ ނަމަ ދެން އޮންނާނީ ހުކުމް އިއްވުން ކަމަށެވެ.

ޖާބިރު މި މައްސަލަ ސުޕްރީމް ކޯޓަށް ހުށަހެޅީ، އެމްޑީޕީން ބޭއްވި އެ ޕާޓީގެ މަޖިލިސް ޕްރައިމަރީގައި، އޭނާ ވާދަކުރެއްވި ކާށިދޫ ދާއިރާގެ ޓިކެޓް ގެއްލިވަޑައިގަތުމުންނެވެ. ޕްރައިމަރީގައި ބަލިވާ ކެންޑިޑޭޓުންނަށް އިންތިހާބުގައި ވާދަ ނުކުރެވޭގޮތަށް އޮތް މާއްދާ ބާތިލް ކުރުމަށް ހުށަހެޅި މައްސަލަ ބައްލަވަނީ ސްޕްރީމް ކޯޓްގެ ފަސް ފަނޑިޔާރުންގެ ބެންޗުންނެވެ.

މި މައްސަލައިގެ ހުކުމް އިއްވުމަށް ބާއްވާ އަޑުއެހުން މާދަމާ އަށް ކޯޓުގައި ތާވަލުކޮށްފައިވަނީ ހެނދުނު 9:45 އަށެވެ. ޕްރައިމަރީން ބަލިވުމުން އިންތިހާބުގައި އަމިއްލަ ގޮތުން ވާދަ ނުކުރެވޭނެކަމަށް ބުނާ މާއްދާ ބާތިލް ކުރުމަށް ޖާބިރު ކޯޓަށް މައްސަލަ ހުށަހަޅުއްވައިފައި ވާއިރު، މި މާއްދާ އުވާލުމުގެ ބިލެއް ދިއްދޫ ދާއިރާގެ މެންބަރު އަބްދުލް ލަތީފް ވެސް ވަނީ މަޖިލީހަށް ހުށަހަޅުއްވާފައެވެ.