ރާއްްޖޭގައި މަސައްކަތް ކުރަމުން އަންނަ ބަންގްލަދޭޝްގެ މަސައްކަތްތެރިންތަކެއް މުސާރަ ނުލިބިގެން ފުލުހަށް ހިނގައްޖެއެވެ.

ގަލޮޅުގައި ހުންނަ ވިލީ ފުލުހަށް މިއަދު ހަވީރު ގޮސްފައިވަނީ 56 ބިދޭސީއެކެވެ. ނަމަވެސް އެއީ ކޮން ކުންފުންޏެއްގައި މަސައްކަތް ކުރާ ބައެއް ކަމެއް ސާފެއް ނުވެއެވެ.

މި މައްސަލައާއި ގުޅިގެން ފުލުހުން ބުނެފައިވަނީ މިއަދު ހަވީރު 5:40 ހާއިރު، ގަޅޮޅު ވިލީ އަށް 56 ބިދޭސީން ދިޔަ ކަމަށެވެ. އަދި އެމީހުންގެ ޝަކުވާ އަކީ މުސާރަ ނުދޭ މައްސަލަ ކަމަށާއި، އެ މައްސަލަ ލޭބާ އޮތޯރިޓީއަށް ހުށަހަޅަން އިރުޝާދު ދީފައިވާނެ ކަަމަށެވެ.

ރާއްޖޭގައި މަސައްކަތަށް ގެންނަ ބިދޭސީންނަށް މުސާރަ ނުދޭ މައްސަލައަކީ އާންމު މައްސަލައެކެވެ. އަދި މި މައްސަލައަށް މިހާތަނަށް ހައްލެއް ގެނެވިފައި ނުވާއިރު، މުސާރަ ނުދިނުމުގެ ސަބަބުން ގިނަ މަސައްކަތްތެރިން ފިލައިގެން އަމިއްލަ މަސައްކަތް ކުރަން އުޅޭ މަންޒަރު ފެނެއެވެ. އިމިގްރޭޝަންގެ ތަފާސް ހިސާބުތައް ދައްކާ ގޮތުން ރާއްޖޭގައި ގަވާއިދާ ހިލާފަށް 80،000 ބިދޭސީން އުޅެއެވެ.

ރާއްޖޭގައި ބިދޭސީ މަސައްކަތްތެރިންގެ ތެރެއިން އެންމެ ގިނައީ ބަންގްލަދޭޝް މަސައްކަތްތެރިންނެވެ. ދާދި ފަހުން ބަންގްލަދޭޝް ސަރުކާރުން ވަނީ އެގައުމުގެ މީހުން ރާއްޖެ އަށް މަސައްކަތް ކުރަން ނައުމަށް އެދިފައެވެ.