ހުކުރު ދުވަހުގެ ރޭ ލ. ކައްދޫ އިން އެ އަތޮޅު މާމެންދޫ އަށް ދަތުރުކުރަމުން ދިޔަ ޑިންގީއެއް ބަންޑުން ޖަހާލައި އުމުރުން 19 އަހަރުގެ އަންހެނަކު ގެއްލުނު ވާހަކަ އަކީ އެތައް ބައެއްގެ ހިތްތަކަށް ނުތަނަވަސްކަން ގެނުވި ވާހަކައެކެވެ. އެ ނުތަނަވަސްކަން އިތުރުވީ، ގެއްލުނު އައިމިނަތު ޝިމާ ނާފިޒު، 19 އަތަން ފޯނަކާއި ހަމެއް ދީފައި ދިޔަކަމަށް އެ ޑިންގީގައި ހަމަ އެކަނި އިން އިބްރާހީމް ފަޒީލް، 24 ބުނުމުންނެވެ. ސުވާލުތަކާ، ޝައްކާ ވަހުމް ވަންނަނީ އެ ބުނާ ފޯނަކަށް ޝިމާގެ އެއްބަނޑު އެއްބަފާ ބޭބެ އަހްމަދު ޝައިނީ ނާފިޒް ގުޅި އިރު އެ ފޯނު ރިންގް ވި ކަމަށާ ނަމަވެސް ފޯނު ނުނަގާ ކަނޑާލިކަމަށް ބުނުމުންނެވެ. ޝިމާގެ ބޭބެ ބުނަނީ އެ ފޯނު ޝިމާގެ އަތުގައި އޮތް ނަމަ ބޭބެ ގުޅީގައި ނުނަގާ ކަނޑާ ނުލާނެ ކަމަށެވެ.

ފަޒީލްގެ ވާހަކަ

ފަޒީލް ބުނަނީ އޭނާ ސިކްސް ސެންސް ރިސޯޓަށް އެރީ އޮޔަބާރު ކަނޑެއްގައި އެތައް ގަޑި އިރަކު ފަތާފައި ކަމަށެވެ. ޝިމާ ގެއްލުނު ކަނޑުއޮޅި އަކީ ގާތްގަނޑަކަށް 4 ކިލޯ މީޓަރު ހުންނަ ދިގު ކަނޑު އޮޅިއެކެވެ. ޑިންގީ ބަންޑުން ޖަހާލީ ކަނޑުއޮޅީގެ މެދެއްހާ ހިސާބުން ކަމުގައި ބުނާ އިރު ފަތާފައި ހިކިފަސް ތަނެއް ހޯދަން ދެ ކިލޯމީޓަރު ކަޑައްތު ކުރަން ޖެހޭނެއެވެ.

ކޮންމެ އަކަސް ފަޒީލްގެ ވާހަކައަކީ ވެސް އިބުރަތުން ފުރިގެންވާ ވާހަކަ އެކެވެ. ޝިމާ މާލެއިން ކައްދުއަށް ދިޔައީ ރަށަށް، މާމެންދުއަށް ދިއުމުގެ ބޭނުމުގައެވެ. ކައްދޫ އެއާޕޯޓުން ޝިމާއަށް މަރުހަބާ ކިޔި ފަޒީލް އަކީ ޝިމާގެ 'ފްރެންޑް' އެކެވެ. ޝިމާގެ ބޭބެ ބުނަނީ ފަޒީލް ދަންނަ ކަމަށާ އެއީ ފްރެންޑެއް ކަމަށެވެ.

ފަޒީލްއާ ހަވާލާދީ ބައެއް މީހުން ބުނެފައިވަނީ އޭނާ ޝިމާ ގޮވައިގެން ދިޔައީ ކޮޓަރިއަކަކަށް ކަމަށެވެ. ދެ ދުވަހުގެ އެކޮމަޑޭޝަނެއް ޝިމާއަށް އޭނާ ހަމަޖައްސައި ދިނީ ގަމުންނެވެ. އޭނާ ބުނާ ގޮތުން ޝިމާ ކުޑަކޮށް ބަލިވުމާއެކު ޑޮކްޓަރަށްވެސް ދައްކައިދިނެވެ. އަދި ރަށަށް ދިއުމަށްޓަކައި ފެރީ ޓިކެޓް ހަމަޖައްސާ ހެދިއެވެ. ނަމަވެސް ޝިމާއަށް ހޭނުލެވިގެން ފެރީ ގަޑި ކެޓީއެވެ. ދެން ފަޒީލް މަސައްކަތް ކުރީ ލޯންޗަކުން ޖާގައެއް ހޯދައިގެން ޝިމާ ފޮނުވޭތޯއެވެ. ލޯންޗް އޯކޭ ކުރިނަމަވެސް ފަހުން ލޯންޗް 'މީހާ' ފޯނު ނިވާލާފައި އޮތް ކަމަށް ބުނެއެވެ. ދެން އޭނާ ބެލީ ޑިންގީއެއް ހޯދައިގެން އެކަން ވޭތޯއެވެ. ޑިންގީ ހޯދާ، އައުޓްބޯޑް އިންޖީނެއްވެސް ހޯދިއެވެ. ފުރަން ކުޑަތަންވެފައި ހުއްޓައި އެ އިންޖީނުގެ ވެރި މީހާ އައިސް އިންޖީނު ގެންދިޔަ ކަމަށް ބުނެއެވެ.

އެއީ ބުރާސްފަތި ދުވަހެވެ. އެދުވަސް ކާމިޔާބު ނުވެ ދިއަޔަސް ހުކުރު ދުވަހަށް ދަތުރު 'ރެޑީ' ކުރިއެވެ. ފުރަތަމަ ބެލީ ލޯންޗް ހަމަ ޖެހޭތޯއެވެ. އެފަހަރުވެސް ފަހު ވަގުތު ލޯންޗް މީހާ އޮތީ ފޯނު ނިވާލާފައެވެ. ދެން އެ ދުވަހު ޑިންގީ ހޯދާ ރެޑީކުރިއެވެ.

ޝިމާ ގޮވައިގެން މާ ކަނޑަށް ނުކުންނަށް ދަތުރަށް ފުރީ އިރު އޮށްސުނީމައެވެ. ކަނު އަނދިރީގައި ބާރު ވަޔާ އޮޔަށް ނުބަލައި އަނގަމަތީ ކުޑަ ޑިންގީ ގަނޑެއްގައި 4 ކިލޯމީޓަރު ހުރަސްކޮށްލަށް ފިކުރެއް ނެތި ފުރީއެވެ.

އިރު އޮށްސުނު އިރު ފުރި ދަތުރު، ފަޒީލް ސިކްސްސެންސް އަށް އަރަންދެން ކުރިއަށް ދިޔަ ގޮތެއް ނޭނގެއެވެ. ފަޒީލް އެވާހަކަ ކިޔައެއް ނުދެއެވެ. ސިކްސް ސެންސް ރިސޯޓުން ފުރަތަމަ ބައްދަލުވީ މޫދު ކޮޓަރިއަކުން ގެސްޓަކާ ކަމަށް ބުނެއެވެ. ދެން އެ ހާދިސާގެ ވާހަކަ ފަޒީލް ކިޔައިދިނުމުން ޝިމާ ހޯދުމުގެ މަސައްކަތައިގެން އަވަސްވެ ގަތީއެވެ.

ޑިންގީ ބަންޑުން ޖެހުން

ފަޒީލް ބުނީ ޑިންގީ ބަންޑުން ޖަހާލުމާއެކު ޝިމާ ޑިންގީގެ ދަށު ވިއެވެ. އަދި ފަޒީލް މަސައްކަތުން ޝިމާ ފެން މައްޗަށް ނެގިއެވެ. ޑިންގީގައި ހުރި އައުޑްބޯޑު އިންޖީނުގެ ޕެޓްރޯލް ޓޭންކް ހުސްކޮށް ޝިމާއަތަށް ދީ އޭގައި ހިފަހައްޓަން ބުނި ކަމަށް އޭނާ ބައެއް މީޑިއާ ތަކަށް ކިޔައިދީފައިވެއެވެ. އަދި ޝިމާ އަތަށް ފޯނެއް ދިން ކަމަށާ ފަޒީލް 'ހެލްޕް' ގެންނަންދެން އޮތުމަށްވެސް އެދުނު ކަމަށް ބުނެއެވެ. ނަމަވެސް ބާރު އޮޔާހުރެ ގިނަ އިރު ހިފަހައްޓާނުލެވިގެން އުޅެނިކޮށް ޑިންގީ އަޑިއަށް ދިޔައީ ކަމަށާ އެހާ ހިސާބުން ޝިމާ ދޫވެ އެހެނަސް އޭނާގެ ލޮލު ކޮޅަށް ގެއްލެންދެންވެސް ޝިމާ އޮތީ އެޓޭންކުގައި ހިފަހައްޓައިގެން ކަމަށް ބުނެއެވެ.

ޝިމާ

ޝިމާގެ ބޭބެގެ ވާހަކަ

ޝިމާގެ ބޭބެ ޝައިނީ "ދަޕްރެސް" އަށް މައުލޫމާތު ދެމުން ބުނީ ފަޒީލް އަކީ އޭނާ ދަންނަ މީހެއް ކަމަށެވެ. އަދި ފަޒީލް އާ އެކު ޑިންގީގައި ފުރީ ފެރީއެއް އެއްޗެއް ނުލިބުމުން ކަމަށާ ފުރުމުގެ ކުރިން ކޮއްކޮ މެސެޖުކޮށް ފުރާވާހަކަ ބުނި ކަމަށެވެ. އަދި ރޭގަނޑު ކަނު އަނދިރިއަސް އެއްބަސްވީ ކޮއްކޮ އަންނަން ބޭނުންވެފައި ހުރުމުންނާ ފެރީވެސް ނެތުމުން ކަމަށެވެ.

ޝިމާގެ ބޭބެ ޝައިނީ އިތުރު ވާހަކައެއްވެސް ބުންޏެވެ. އޭނާ ބުނީ ފަޒީލް އަކީ ޝިމާގެ 'ބޯއީ ފްރެންޑް' ނޫން ކަމަށާ އެއީ ހަމަ ފްރެންޑެއް ކަމަށެވެ.

ޝިމާ ގެއްލުނު ހިތާމަވެރި ހާދިސާ ހިނގާ ދިޔަ ގޮތުން ޝައިނީ ހުރީ ދެރަވެފައެވެ. އަދި އެހާދިސާއާ ގުޅޭގޮތުން ފަޒީލް ދައްކާ ވާހަކަ ދިމާ ނުވާ ކަމަށާ އެކަން ހިނގައި ދިޔަ ގޮތް ކަމަށް ފަޒީލް ކިޔައިދޭ ގޮތް ގަބޫލު ނުކުރެވޭ ކަމަށް ޝައިނީ ބުނެއެވެ.

"ފޯނެއް ދީފައި ދިޔަނަމަ އެ ފޯނަން ބޭބެ ގުޅިއިރު ޖަވާބު ދޭނެ" ޝައިނީ ބުންޏެވެ.

ޝައިނީ ބުނީ ޑިންގީ ބަންޑުން ޖަހާލި ހަބަރު ލިބުނީ އެރޭ 10:00 ހާއިރު ކަމަށާ އެވަގު ގުޅުމުން ފޯނާ ގުޅުނު ކަމަށެވެ. ނަމަވެސް ދެވަނަ ފަހަރަށް ގުޅިއިރު ބިޒީ ކޮށްލީ ކަމަށާ އޭގެ ފަހުން ފޯނު ނިއްވާލާފައިވާ ކަމަށެވެ.

"ފޯން އެންމެ ފަހުން ޓްރޭސްވީ އެތާ އޮންނަ ވެލިގަނޑެއްގެ ކައިރިން، އެއީ އެހާދިސާ ހިނގި ކަމަށް ފަޒީލް ބުނި ފަހުން. މިހާރު އެސަރަހައްދުވެސް ބަލަމުން ދަނީ. އަދި ކޮއްކޮގެ ހަބަރެއް ނުވޭ" އަސަރާއެކު ޝައިނީ ކިޔައިދިނެވެ.

ޝިމާގެ ބޭބެ ބުނަނީ ފަޒީލްގެ ވާހަކަ ގަބޫލު ނުކުރެވެނީ އެއީ ޑިންގީއެއް ފުނޑުފުނޑު ނުވާހާ ހިދަނކު އަޑިއަށް ދާނެ ކަމަކަށް ގަބޫލު ނުކުރެވޭތީއާ، ކޮއްކޮ އަތުގައި ފޯނު އޮތް ނަމަ ފޯނު ނުނަގާ ބިޒީކޮށް ނުލާނެތީ ކަމަށެވެ. އަދި ފޯނެއް އޮތް އިރު ކޮއްކޮ އަތަށް ފޯނު ދީފައި ފަޒީލް ދާންވީ ކީއްވެތޯއާ، ފޯނުން ގުޅައިގެން އެހީ އަންނަންދެން ތިބެވުނީސް ކަމަށް ގަބޫލުކުރާތީ ކަމަށެވެ.

"ޝައްކު ކުރަނީ އޭނާ ޝިމާ އަށް ކޮންމެވެސް ކަމެއް ކުރިކަމަށް" ޝިމާގެ ބޭބެ ބުންޏެވެ.

ޝިމާ ހޯދުން

ޝިމާ ހޯދުމަށްޓަކައި ސިކްސް ސެންސް ރިސޯޓާ، ފުލުހުންނާ، އެމްއެންޑީއެފް ގުޅިގެން އަވަސް މަސައްކަތްތަކެއް ވަނީ ކޮށްފައެވެ. އަދި މިހާރުވެސް ކަނޑު އަޑި ބަލާ ރޮބޮޓު ބޭނުން ކޮށްގެންނާއި ރޭގަނޑު ކަނޑުގެ ސާފަސް ސްކޭން ކުރާ އާލާތްތައް ބޭނުންކޮށްގެންވެސް ދަނީ ބަލަމުންނެވެ. އޮޔާ ވައި ހުރި ގޮތް ބަލައިގެން ކަނޑުގެ ބޮޑު ސަރަހައްދެއް ބަލައިފިއެވެ. ކައިރީގައި ހުރި ފިނޮޅިތަކާ ފަޅު ރަށްރަށްރަށްވެސް ބަލަމުންދާ ކަމަށް މައުލޫމާތު ލިބެއެވެ.

މިހާތަނަން ޝިމާ ހޯދުމުގައި އަދި އެއްވެސް ކުރިއެރުމެއް ނުލިބެއެވެ.

އުފެދޭ ސުވާލުތައް

ޝިމާ ކަންފަތުން ލޭ އަންނާތީ ހޮސްޕިޓަލަށް ދެއްކި ކަމަށް ފަޒީލް ބުނާތީ "ދަޕްރެސް" އިން ގަމު ރީޖަނަލް ހޮސްޕިޓަލަށް ގުޅުމުން ބުނީ ފަޒީލް އެބުނާ ތާރީހެއްގައި ޝިމާ ގޮސްޕިޓަލަށް ދައްކާފައި އޮތްތޯ ބަލަމުން ދާކަމަށެވެ.

ޝިމާ ގެސްޓް ހައުސްއެއްގައި ބެހެއްޓި ކަމަށް ބުނެފައި ވުމުން އެއީ ކޮން ގެސްޓްހައުސްއެއްތޯ ބެލުމަށް ގަމުގައި ހުންނަ ތަންތަން ބެލިބެލުމުން ޝިމާ ބެހެއްޓީ ކޮން ގެސްޓްހައުސްއެއްގައި ކަން އަދި ސާފުވާގޮތެއް ނުވެއެވެ.

ޝިމާ ގޮވައިގެން ދަތުރު ކުރި ޑިންގީ އަކީ ފައިބަރު ޑިންގީއެއް ކަމަށް މައުލޫމާތު ލިބޭ އިރު، ކަމުގެ މާހިރުން ބުނަނީ ފައިބަރު ޑިންގީއެއް ބަންޑުން ޖަހާލައިފި ނަމަ އޮންނާނީ ދެފެން ދޭތެރޭގައި ކަމަށާ، މުޅި ޑިންގީ އަޑިއަށް ދިއުމަކީ ނާދިރު ކަމެއް ކަމަށެވެ.