ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު އުފައްދަވާފައިވާ ރިޔާސީ ކޮމިޝަންތަކަށް ބާރުލިބޭގޮތަށް ރައްޔިތުންގެ މަޖިލީހަށް ހުށަހަޅާފައިވާ ބިލަށް ވޯޓަށް އެހުމަށް މާދަމާ މަޖިލީހުގައި ތާވަލުކޮށްފިއެވެ.

މި އަހަރުގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ދެވަނަ ޖަލްސާ މާދަމާ ހެނދުނު ނުވައެއް ޖަހާއިރު ފެށުމަށް ތާވަލުކޮށްފައި ވާއިރު، ދައުލަތުގެ ފައިސާއާއި މުދަލަށް ހިޔާނާތްތެރިވުމުގެ މައްސަލަތަކާއި ގޮތްނޭނގޭ މަރުގެ މައްސަލަތައް ބެލުމުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅާނެއެވެ.

އަލިފުށީ ދާއިރާގެ މެމްބަރު މުހައްމަދު ރަޝީދު ހުސެއިން ހުށަހެޅުއްވި މި ބިލާއި ގުޅިގެން އިދިކޮޅު މެންބަރުން މަޖިލީހުގެ މިދިޔަ އަހަރުގެ ފަހު ދައުރުގެ ޖަލްސާތަކުގައި މަޖިލީހުގެ ތަޅުމުގައި އިހުތިޖާޖު ކުރިއެވެ. އަދި މި ބިލުގައި ގާނޫނުއަސާސީ އާއި މިހާރު ހުރި ގާނޫނުތަކާ ފުށުއަރާ ބައިތައް ބިލުގައި ހުރި ކަމަށް ބުނެ، އިދިކޮޅު ފަރާތްތަކުން މި ބިލަށް ވަރަށް ބޮޑަށް ފާޑުކިއެވެ.

ބިލާމެދު ބައެއް ފަރާތްތަކުގެ ކަންބޮޑުވުންތަކާހެދި ރިޔާސީ ކޮމިޝަނަށް ބާރުލިބޭ ބިލް މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީއަށް ފޮނުވައި އެ ބިލަށް ބޮޑެތި ބަދަލުތަކެއް ވަނީ ގެނެސްފައެވެ. އަދި ކޮމިޝަނަށް ބާރުލިބޭ ބައެއް މާއްދާތައް ބިލުން އުނިކޮށްފައިވެެއެވެ.

މިދިޔަ އަހަރުގެ ފަހު ދައުރުގެ ފަހު ޖަލްސާގައި މި ބިލަށް ވޯތަށް އަހަން އެޖެންޑާ ކުރި ނަމަވެސް، މި ބިލުގައި ރައްޔިތުން އެ މައްޗަށް އަމަލު ކުރުން ލާޒިމް ކަންކަން ހުރުމުން، މި ބިލަށް ވޯޓަށް އެހޭނީ މަޖިލީހުގެ ދެބައިކުޅަ އެއްބައި މެންބަރުން ހާޒިރުވެ ތިބެގެންނެވެ. ނަަމަވެސް މި ބިލަށް ވޯޓަށް އެހި އިރު އެ އަދަދު މަޖިލީހުގައި ހަމަނުވުމުން، މަޖިލީހުގެ ދައުރު ނިންމާލާފައިވަނީ ބިލަށް ވޯޓަށް ނާހައެވެ.

މާދަމާ މަޖިލީހުގެ ޖަލްސާއަށް ދިވެހިރާއްޖޭގެ ގާނޫނީ ހިދުމަތުގެ ބިލު، މިނިވަން މުއައްސަސާތަކުގެ ކަންތައްތަކާބެހޭ ކޮމިޓީން ދިރާސާކޮށް ނިންމިގޮތުގެ ރިޕޯޓު ތަޅުމަށް ހުށަހަޅާނެއެވެ. މީގެ އިތުރުން ސަރުކާރުގެ ފަރާތުން، އިހަވަންދޫ ދާއިރާގެ މެންބަރު މުހައްމަދު އަބްދުالله ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވުމާއި، ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހަޅުއްވާފައިވާ، އިންތިހާބުތަކާބެހޭ އާންމު ގާނޫނަށް އިސްލާހު ގެނައުމުގެ ބިލުގެ ފުރަތަމަ ކިޔުން އިއްވާނެއެވެ.