ލޯބިން ގުޅުނު ދެހިތުގެ ގުޅުން ރަސްމީކޮށް، ކައިވެނީގެ ގޮށުން ދެހިތް ބަނދެލުމަށްފަހު ވަލީމާގެ ހަފުލާއަށް އަންނަ މެހެމާނުންނަށް މަރުހަބާ ކިއަމުން ގޮސް ކުރީގެ ލޯބިވެރިޔާއާއި ބައްދަލުވެއްޖެނަމަ ހަދާނީ ކިހިނެއް ހެއްޔެވެ؟ ހަޔާތުގައި އަންނަ އެންމެ މުހިންމު ދުވަހުގެ އުފާފާޅުކުރުންތަކަށް، ކުރީގެ ލޯބިވެރިޔާއަށް ދައުވަތު ދިނުމަކީ އެކަމާއިމެދު ވަރަށް ފުންކޮށް ވިސްނަންޖެހޭ ކަމެކެވެ. މިއީ ފަހަރެއްގައިވެސް ތިބާ އެކަނި ނިންމަންޖެހޭނެ ނިންމުމެއް ނޫނެވެ. އެއަށްވުރެ ގިނަ މީހުންގެ ހިއްސާ މިކަމުގައި އެބައޮތެވެ.

ވިސްނާލަންވީ ބައެއްކަންކަން

ކައިވެނީގެ ހަފުލާއަށް ކުރީގެ ލޯބިވެރިޔާ ގެނައުމުގެ ކުރިން ވިސްނާލަންޖެހޭ ކަންތައްތަކެއް އެބަހުއްޓެވެ. އެގޮތުން އެންމެ ފުރަތަމަ ކަމަކީ އޭނާ ހަމަ ގެންނާނަންތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލުމެވެ. ދެމީހުންނަކީ މިހާރު ހަމައެކަނި ރައްޓެހިންކަން ކަށަވަރުކުރަންޖެހެއެވެ. އިތުރު އެއްވެސް އިހުސާސެއް ދެމީހުންގެ ހިތުގައި ނުހިނގާކަން ޔަގީންކުރަންޖެހެއެވެ. ކައިވެނި ހަފުލާއަށް ތިޔަ ދައުވަތު ދެނީ އޭނާ ދެރަކޮށްލުމަށްހެޔެވެ؟ ވިސްނަންވީ ހަމައެކަނި ހެޔޮ ނިޔަތެއްގައި މިކަން ކުރުމަށެވެ.

ކުރީގެ ލޯބިވެރިޔާ ދެކޭނީ ކިހިނެއް؟

ކައިވެނި ހަފުލާއަށް އައުމަށް ދައުވަތު ކާޑު ފޮނުވާލުމުގެ ކުރިން އޭނާ ހިތަށް އަރާފާނެ އެއްޗަކާއި މެދު ވިސްނާލާށެވެ. އެއީ އޭނާއަށް ހަޖަމުވާނެ ވަރުގެ ކަމެއް ހެއްޔެވެ؟ ނޫނީ އެއީ އޭނާއަށް ޖެއްސޭ ޝޮކެއް ހެއްޔެވެ؟ އެއީ ތިބާ އެހެން މީހަކާއި ގުޅުމުގެ ސަބަބުން ހިތް ހަލާކުވެފައި މީހެއް ނަމަ އޭނާއަށް އަދި ވަގުތު ދޭށެވެ. ދައުވަތު ކާޑަކުން އޭނާގެ ހިތުގައި އިތުރަށް ނުޖައްސާށެވެ. އެއީ މާޒީގެ ބާބެއް ކަމުގައި ތިބާއަށް ހީވެފައި އޮތް ނަމަވެސް، އޭނާ އަދިވެސް އެއުޅެނީ އިތުރު ބާބަކާއި ހިސާބަށް ނުދެވިގެންކަންވެސް ގަބޫލުކުރަންޖެހިދާނެއެވެ.

ހަޔާތުގެ ބައިވެރިޔާގެ ލަފާ ހޯދުން

ކުރީގެ ލޯބިވެރިޔާއާއި ތިބާއާއި ދެމެދު އޮތީ ހަމައެކަނި ރަހުމަތްތެރިކަން ކަށަވަރުވާ ހިސާބުން ތިބާއާއި ކައިވެނި ކުރާ މީހާގެ ހިޔާލު ހޯދަންޖެހޭނެއެވެ. މިއީ ދެމީހުންގެ ކަމެކެވެ. ތިބާގެ އެކަނި ކަމެއް ނޫނެވެ. މިވާހަކަތައް ހިއްސާކުރާނީ ސާފު ހިތަކާއިއެކުގައެވެ. ފަހަރެއްގައިވެސް އަނެކުންނަށް އޮތް ލޯބީގެ ކަންފުޅެއްވެސް ސިއްރުކޮށްފައި ބާއްވައިގެން ނުވާނެއެވެ. އަދި ކައިވެނި ހަފުލާއަށް ކުރީގެ ލޯބިވެރިޔާ ގެންނަން ބޭނުންވާ ސަބަބު، ތިބާއާއިއެކު ދިރިއުޅުމުގެ ބާކީ އޮތް ބައި ހިއްސާކުރަން އަންނަ ބައިވެރިޔާއަށް ކިއާދޭން ވާނެއެވެ.

ބައިވެރިޔާ ނޫނެކޭ ބުނެފިނަމަ ދެން ހަދާނީ ކިހިނެއް؟

އެއް ފިޔަވަޅު ފަހަތައް ޖެހިލާށެވެ. ކައިވެނި ހަފުލާއަށް ކުރީގެ ލޯބިވެރިޔާ ގެނައުމާއި މެދު ބައިވެރިޔާ ހިތްހަމަ ނުޖެހިއްޖެނަމަ ނުވަތަ މި މައުލޫއަކީ ބައިވެރިޔާއަށް މާ ފަސޭހަ މައުލޫއެއް ނޫންނަމަ އޭނާއަށް ވަގުތު ދޭށެވެ. އެއްވެސް ކަމަކަށް މަޖުބޫރު ނުކުރާށެވެ. ތިބާދެކެ ވާ ލޯތްބެއްގެ ސަބަބުން ސީދާ ނޫނެކޭ ބުނަން ނުކުރެފައި ހުރެދާނެތޯވެސް ބަލަންވާނެއެވެ. އޭނާގެ ހަރަކާތްތަކާއި އިހުސާސްތައް ދެނެގަންނަން ވާނެއެވެ.

އާއިލާ މެމްބަރުންގެ ލަފާ ހޯދުން

ކައިވެނި ކުރާ ދެމީހުންގެ އިތުރުން ދެފަރާތުގެ އާއިލާއަށްވެސް މިއީ މުހިންމު ދުވަހެކެވެ. އެހެންކަމުން، ދެ ފަރާތުގެ އާއިލާ މިކަމުގައި ދެކޭ ގޮތްވެސް ބަލާލުމަކީ ރީތި ގޮތެކެވެ. ކައިވެނި ހަފުލާއަށް ކުރީގެ ލޯބިވެރިޔާ އަންނަ ހިސާބުން، މަންމަ އޭނާ ފަހާ "އިލޮށިފަތި" ހިފައިގެން ދާންވެއްޖެނަމަ ދެންވާނީ ކިހިނެއް ހެއްޔެވެ؟

ދެން މިއޮތީ އެންމެ މުހިންމު ވާހަކަ

ތިބާގެ ކުރީގެ ލޯބިވެރިޔާ ކައިވެނި ހަފުލާއަށް ގެންނަންއިރު، ތިބާގެ ހަޔާތުގެ ބައިވެރިޔާގެ ކުރީގެ ލޯބިވެރިޔާވެސް އެޕާޓީއަށް އައިސްދާނެކަން ހަނދާން ކުރަންވާނެއެވެ. އެއީ ތިބާއަށް ހަޖަމުކުރެވޭނެ ކަމެއްތޯ ވިސްނާލާށެވެ. ތިބާ އެކަން ކޮށްފައި، ހަޔާތުގެ ބައިވެރިޔާއަށް އެފުރުސަތު ނުދިނުމަކީ އިންސާފެއްތޯ އަމިއްލަ ނަފުސާ ސުވާލުކޮށްލާށެވެ.

މިހުރިހާ ކަމަކަށްވުރެވެސް މުހިންމީ، ހުރިހާ ގޮތަކުންވެސް އެ ހާއްސަ ވަގުތަކީ ކައިވެނީގެ މަތިވެރި ގުޅުމުން ބަދަހިވި އެ ދެލޯބިވެރިން އުފަލުގައި ހަޔާތާއި ކުރިމަތިލުންތާއެވެ!