“ޕޮލިސް ރިފޯމް” މަސައްކަތަށް ކަމާބެހޭ ފަރާތްތަކުގެ ހިޔާލު ހޯދަން ފަށައިފިއެވެ.

ފުލުހުން ބުނީ ޕޮލިސް ރިފޯމް މަސައްކަތުގެ ތެރެއިން "ޖިނާއީ އަދުލުގެ" ނިޒާމުގައި ހިމެނޭ މުއައްސަސާތަކުގެ ބޭފުޅުންނަށް ހާއްސަކޮށްގެން ހިޔާލު ހޯދުމަށް "ސްޓްރެޓެޖިކް ޕްލޭން ޑިވަލަޕްމަންޓް ސިމްޕޯސިއަމް – ކްރިމިނަލް ޖަސްޓިސް ސެކްޓާ" ގެ ނަމުގައި ހިޔާލު ހޯދުމުގެ ބައްދަލުވުމެއް ފަށާފައިވާ ކަމަށެވެ.

މި ބައްދަލުވުމުގައި ކަމާ ބެހޭ މުއައްސަސާތަކުގެ 47 ބޭފުޅުން ބައިވެރިވެ ވަޑައިގަންނަވާ ކަމަށް ފުލުހުން މައުލޫމާތުދެއެވެ. މީގެ ތެރޭގައި ޕްރޮސެކިއުޓާ ޖެނެރަލް އޮފީސް، އެޓާނީ ޖެނެރަލް އޮފީސް، ކުރިމިނަލް ކޯޓު، ޖުވެއިނަލް ކޯޓު، ޑްރަގް ކޯޓު، މެޖިސްޓްރޭޓް ކޯޓުތައް، ހައި ކޯޓް އަދި ސުޕްރީމް ކޯޓު ހިމެނެއެވެ.

މީގެ އިތުރުން ފުލުހުންގެ ކްރައިން އިންވެސްޓިގޭޝަން ކޮމާންޑްގެ އިސްވެރިން މި މަހާސިންތާގައި ބައިވެރިވެ ވަޑައިގަންނަވައެވެ. އެއް ދުވަހަށް ކުރިއަށް ގެންދާ މި މަހާސިންތާ ފަށްޓަވައިދެއްވީ އެކްޓިކް ކޮމިޝަނާ އޮފް ޕޮލިސް މުހައްމަދު ހަމީދެވެ.

ޕޮލިސް ރިފޯމް ޕްރޮގްރާމުގެ ދަށުން މިހާތަނަށް ފުލުހުން ވަނީ ހަ މަހާސިންތާއެއް ބާއްވާފައެވެ. މީގެ ތެރޭގައި އިސްރައްވެހިންގެ މަހާސިންތާ، ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ހާއްސަ މަހާސިންތާ، ސަރުކާރުގެ މުއައްސަސާތަކުގެ މަހާސިންތާ، ރައްޔިތުންގެ މަހާސިންތާ، އަތޮޅު ތެރޭ ފުލުހުންގެ މަހާސިންތާ އަދި ނަން ކޮމިޝަން އޮފިސަރުންގެ މަހާސިންތާ ހިމެނެއެވެ.