މާލޭގެ ގެއެއްގެ ފުރާޅު މައްޗަށް ކުނި އަޅާފައި ހުރި ފޮޓޯއެއް ޓްވީޓު ކުރައްވާ މޭޔަރު ޝިފާ ކަންބޮޑުވުން ފާޅު ކުރައްވައިފިއެވެ.
މާލެ ސިޓީގެ މޭޔަރު ޝިފާ މުހައްމަދު ވަނީ މާލޭގެ 'ގޭގެ ފުރާޅު މައްޗަށާއި ގޯޅިތެރެއަށް ކުނި އެޅުން އޯކޭތޯ' ސުވާލު ކުރައްވާ ކަންބޮޑުވުން ފާޅުކުރައްވާފައެވެ. އަދި އުސް އިމާރާތްތަކުގައި އުޅޭ މީހުން ޖެހިގެން ހުންނަ ގޭގެ ފުރާޅުމައްޗަށާއި ގޯޅި ތެރެއަށް ކުނިއުކުމަކީ 'ހަމަ އޯކޭ ކަމެއްތޯ' ވެސް އައްސަވާފައެވެ.
"މިއީ މުސްލިމުންގެ ސިފައެއްތޯ؟ 100 ޕަސަންޓް މުސްލިމް ގައުމެއްގައި ހިތާމަވެރި މަންޒަރެއް" ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ މި ފަދަ ކަންކަމަކީ ކޮންމެ ބަޔަކު ކުރިއަސް ކޮށްގެން ވާނެ ކަމެއް ނޫން ކަމަށާ މިފަދަ ކަންކަން ކުރަނީ އެނެކާއަށް އިހުތިރާމް ނެތުމުން ކަމަށެވެ. އަދި މިހާރު މިމައްސަލަތައް ބަލައި ފިޔަވަޅު އެޅުއްވުމަށް ތައްޔާރުވެވަޑައިގަންވަމުން ގެންދަވާ ކަމަށް ޝިފާ ވަނީ ވިދާޅުވެފައެވެ. "'ފުލުހުން ދަނީ ފިޔަވަޅު އެޅުމަށް މަސައްކަތް ކުރަމުން" ޝިފާ ވިދާޅުވިއެވެ.
ޝިފާ ވިދާޅުވީ ޖެހިގެން ހުންނަ ގޭގެ ފުރާޅަށް ކުނި އުކުން ނުވަތަ އެޅުމުން ތިމާގެ ދަރިންނާއި އާއިލާއަށް ވެސް އެކަމުގެ ނުރައްކަލަށް ހުށަހެޅޭ ކަމަށެވެ.
ތޮއްޖެހިފައި މާލޭގައި ކުނި މެނޭޖު ކުރުމުގެ މައްސަލަ އަކީ ބޮޑު މައްސަލައަކަށް ވެފައިވާއިރު އުސް އިމާރާތްތަކުން ވާޖަހައިގެން ކުނި ބާލަން މަސައްކަތް ކުރުމުގެ ތެރޭގައި ކުނި ކޮތަޅު ފަޅައިގެން ގޮސް މީހުންގެ ބޮލަށް ވެއްޓުމާއި، މަގުތަކުގެ ކަންކަން މަތި، ޕޭމަންޓުމަތި، ފަދަ އެތަން މިތަނަށް ކުނި އަޅާކަން ފާހަގަ ކުރެވެއެވެ. އަދި މާލޭގެ އެކި ސަރަހައްދުތަކަށް ކުނި އަޅާ ގިނަ އަދަދެއްގެ ބަޔަކު ފާހަގަ ކުރެވިފައިވާ ކަމަށްވެސް ސިޓީ ކައުންސިލުން ބުނެފައިވެއެވެ. މީގެ އިތުރުން މަގުމައްޗަށް ކުނި އަޅާ މީހުންގެ ނަން ހާމަ ކުރަމުންދާއިރު ބައެއް މީހުން ޖޫރިމަނާ ކޮށްފައި ވާކަންވެސް ފާހަގަ ކޮށްލެވެއެވެ.
މާލެ އަކީ ބިދޭސީންނާ ދިވެހިންނާ އެކު ދެލައްކަ އާ ގާތް ކުރާ އާބާދީއެއް ދިރިއުޅޭ ތަނެކެވެ.