ކަޝްމީރުގެ އިންޑިއާއާއިވީ ފަޅީގައި އޮންނަ ޕުލްވާމާގައި ދިން ބޮމުގެ ހަމަލާއާއި ގުޅިގެން އިންޑިއާގެ ހައްގުގައި ނޭޕާލްގައި މުޒާހަރާ ކޮށްފިއެވެ.
ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހުގެ ހަމަލާގައި އިންޑިއާގެ 40އަށްވުރެ ގިނަ ޕެރާމިލިޓްރީ ފުލުހުންގެ ފުރާނަ ގެއްލިދިޔަ ހާދިސާއާއި ގުޅިގެން އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން އިންތިހާއަށް ހީނަރުވެ، ބައިނަލްއަގުވާމީ މަސްރަހުގައި ޕާކިސްތާނު އެކަހެރިކޮށްލާނެ ކަމަށް އިންޑީއާއިން ބުނެފައިވަނިކޮށް ނޭޕާލްގައި ކުރިއަށް ގެންދިޔަ މުޒާހަރާގައި އެތައް ސަތޭކަ ބަޔަކު ވަނީ ބައިވެރިވެފައެވެ.
ނޭޕާލް މުޒާހަރާގެ ބައިވެރިން ވަނީ ޕުލްވާމާއަށް އަމާޒުކޮށް، ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކަށް ނިސްބަތްވާ ހަނގުރާމަވެރިއަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާ ކުށްވެރިކޮށްފައެވެ.
ކަންމިހެންއޮތްއިރު، ނޭޕާލްގައި ހުންނަ އިންޑިއާ މިޝަންގެ މުވައްޒަފުން ވަނީ މިހާދިސާގައި މަރުވެދިޔަ ޕެރާމިލީޓްރީ ފުލުހުންގެ ހައްގުގައި އެ މުވައްޒަފުންގެ 1 ދުވަހުގެ މުސާރަ ހަދިޔާކޮށްފައެވެ. މި ފައިސާއަކީ ފުރާނަ ގެއްލިދިޔަ ޕެރާމިލިޓްރީ ފުލުހުންގެ އާއިލާތަކާއި ހަވާލުކުރާނެ ފައިސާ ކަމަށް މައުލޫމާތު ލިބެއެވެ.
ޕުލްވާމާ ހަމަލާއާއި ގުޅިގެން އިންޑިއާއި ޕާކިސްތާނާއި ދެމެދު ހަނގުރާމައެއް ފެށިދާނެ ކަމުގެ ބިރު ވަނީ ބޮޑުވެފައެވެ.