ހައްދުފަހަނައަޅާ ދިއުމާއި ޓެރަރިޒަމްއާއި ދެކޮޅަށް ކަމަށް ބުނެ ޗައިނާއިން މުސްލިމުންނާއި ދެކޮޅަށް ތަންފީޒު ކުރަމުންދާ ސިޔާސަތުތައް ތަންފީޒުކުރުމުގެ ހައްގު އެގައުމަށް ލިބިގެންވާކަމަށް ސައުދީގެ ނުފޫޒުގަދަ ވަލީއަހުދު މުޙައްމަދު ބިން ސަލްމާން (އެމް.ބީ.އެސް) ތާއީދުކުރައްވައިފިއެވެ.

މިއީ ޗައިނާގައި ދިރިއުޅެމުންދާ ވީގޫރު ދަރިކޮޅުގެ މުސްލިމުންނާއި ދެކޮޅަށް އެގައުމުގެ ކޮމިއުނިސްޓް ސަރުކާރުން ތަންފީޒުކުރަމުންދާ ލާއިންސާނީ ސިޔާސަތުތަކުގެ ދިފާއަށް އެމް.ބީ.އެސް އެރުއްވުން ކަމަށް ވަނީ ސިފަކުރެވިފައެވެ.

ޗައިނާގެ ސިޔާސަތުތަކަށް ތާއީދު ކުރައްވާފަދަ ރޫހެއްގައި އެމް.ބީ.އެސް ވާހަކަފުޅު ދައްކަވާފައި މިވަނީ، ނިމިދިޔަ ހަފުތާ ބަންދުގައި ޗައިނާއަށް ވަޑައިގެން ޗައިނާގެ ރައީސް ޝީ ޖީންޕިންގްއާއި ބައްދަލުކުރައްވާ ވާހަކަފުޅު ދައްކަވަމުން ކަމަށް މައުލޫމާތު ލިބެއެވެ.

އެމް.ބީ.އެސްއާއިއެކު ކުރިއަށް ގެންދެވި ބައްދަލުވުމުގައި، ހައްދުފަހަނައަޅާ ދިއުމާއި، އެފަދަ ފިކުރުތަކުން ދުރުވުމަށްޓަކައި އެކަމާއި ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރުގައި ގުޅުން ބަދަހި ކުރުމަށް ޝީ ދެންނެވި ކަމަށްވެއެވެ. އަދި މިފަދަ ފިޔަވަޅުތަކެއް އެޅުމުގެ ހައްގު ޗައިނާއަށް އޮތްކަމަށް އެމް.ބީ.އެސް ވިދާޅުވިކަމަށްވެސްވެއެވެ.

ޗައިނާގައި ދިރިއުޅެމުންދާ މުސްލިމުންނާއި ދެކޮޅަށް ޗައިނާގެ ސަރުކާރުން އަޅަމުންދާ ފިޔަވަޅުތަކާއި ގުޅިގެން ސައުދީއިން މީގެ ކުރިން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. ޓެރަރިޒަމްއާއި ދެކޮޅަށް ޗައިނާއިން ކުރަމުންދާ މަސައްކަތްތަކުގެ ނަމުގައި ޗައިނާއިން ދަނީ މިލިއަނެއްހާ މުސްލިމުން ވަކި ސަރަހައްދެއްގައި ބަންދުކޮށްގެން ކޭމްޕުތަކެއް ހިންގަމުންނެވެ.

ކަންމިހެންއޮތްއިރު، ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލައާއި، ސައުދީ އިސްވެ އޮވެ ޔަމަނުގައި ކުރަމުންދާ ހަނގުރާމައާއައި ގުޅިގެން ޗައިނާއިންވެސް އެއްޗެއް ބުނެފައެއް ނުވެއެވެ. އެއްގައުމުގެ އަމަލުތަކާއި ގުޅިގެން އަނެއް ގައުމުން ހަނުހިމޭނުން އޮންނަ އޮތުމަކީ، މިފަހަކަށް އައިސް ޗައިނާއާއި ސައުދީއާއި ދެމެދު ބަދަހި ގުޅުމެއް ގާއިމުވަމުން އަންނަ ކަމުގެ ހެއްކެއް ކަމަށް ސިފަކުރެވެއެވެ.