ކަޝްމީރުގެ އިންޑިއާއާއި ވީ ފަޅިއަށް އަމާޒުކޮށް ޕާކިސްތާނުގެ ހަނގުރާމަވެރި ޖަމާއަތަކަށް ނިސްތަބްވާ މީހަކު އަމިއްލައަށް މަރުވެގެން ދިން ބޮމުގެ ހަމަލާގައި އިންޑިއާގެ ޕެރާމިލިޓްރީ ފުލުހުންގެ ބަޔަކު މަރުވި ހާދިސާއާއި ގުޅިގެން އިންޑިއާގެ ފުލުހުން ހިންގަމުންދާ އޮޕަރޭޝަންގެ ދަށުން، ކަޝްމީރުން ގިނަ އަދަދެއްގެ ބަޔަކު ހައްޔަރުކޮށްފިއެވެ.

މައުލޫމާތު ލިބޭ ގޮތުގައި ހައްޔަރުކޮށްފައިވަނީ ކަޝްމީރުގައި ވަކިވެގަތުމަށް މަސައްކަތްކުރަމުންދާ ފަރާތްތަކަށް އެއްބާރުލުންދެމުންދާ 150އެއްހާ މީހުންނެވެ.

ފެބުރުވަރީ މަހުގެ 14 ވަނަ ދުވަހުގެ ހަމަލާއާއި ގުޅިގެން އިންޑިއާއާއި ޕާކިސްތާނުގެ ގުޅުން އިންތިހާއަށް ހީނަރުވެފައިވާ މިދަނޑިވަޅުގައި އިންޑިއާގެ ފުލުހުން މިދިޔަ ހުކުރު ދުވަހުގެ ރޭ ފެށި އޮޕަރޭޝަންގެ ސަބަބުން ކަޝްމީރުގެ ރައްޔިތުންގެ ހިތްތަކުގައި ވަނީ ބިރުވެރިކަން އުފެދިފައެވެ.

އިންޑިއާގެ ފުލުހުން ބުނީ އޮޕަރޭޝަން ހާއްސަކުރީ ވަކިވެގަތުމަށް މަސައްކަތްކުރާ ޖަމާއަތްތަކާއި އެ ޖަމާއަތްތަކުގެ ލީޑަރުން ހައްޔަރުކުރުމަށްކަމަށެވެ. އެގޮތުން ޖަމާއަތީ އިސްލާމީގެ ނަމުގައި ހަރަކާތްތެރިވާ ދީނީ ސިޔާސީ ޕާޓީއެއްގެ އިސް ލީޑަރުންނާއި އެކްޓިވިސްޓުން ހައްޔަރުކޮށްފައިވާކަމަށް ޚަބަރު ލިބެއެވެ.

މި އޮޕަރޭޝަނާއި ގުޅިގެން ކަޝްމީރުގެ ސިޔާސީ ލީޑަރުންދަނީ އިންޑިއާއާއި ދެކޮޅަށް އަޑުއުފުލަމުންނެވެ. ކަޝްމީރުގެ ސިޔާސީ ލީޑަރުން ސިފަކުރައްވާ ގޮތުގައި، ގާނޫނީ އުސޫލުތަކާއި ފުށޫ އަރާފަދަ ގޮތަކަށް މިފަދަ އޮޕަރޭޝަނެއް ހިންގުމަކީ ގޯސްވެފައިވާ މަސްރަހު އަދިވެސް އިތުރަށް ގޯސްކުރުވާނެ ކަމެކެވެ.

އިންޑިއާގެ ކަމާއި ބެހޭ ފަރާތްތަކުން މިހާރު ވަނީ އިންޑިއާގެ ޕެރާމިލިޓްރީ ފުލުހުންގެ އިތުރު 10000 މެމްބަރުން ކަޝްމީރު ވާދީގެ ސަރަހައްދުގައި ރުކުރުވާލާފައެވެ.