ސައުދީ އަރަބިއްޔާއިން އެމެރިކާއަށް ކަނޑައަޅާފައިވާ ހުންނަވާ ސަފީރު ކަމުގެ މަގާމަށް އަމީރާ ރީމާ ބިންތި ބަންދާރު އަލް ސައުދު ހަމަޖައްސަވައިފިއެވެ.

މިއީ ސައުދީއިން ސަފީރު ކަމުގެ މަގާމަށް އަންހެން ބޭފުޅަކު ހަމަޖެއްސި ފުރަތަމަ ފަހަރެވެ.

އަމީރާ ރީމާއަކީ ޅަ އުމުރުގެ ބޮޑު ބައެއް އެމެރިކާގައި ހޭދަކުރައްވާފައިވާ ބޭފުޅެކެވެ.

ސައުދީއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ މަގާމަށް އަމީރާ ރީމާ އިސްކުރެވިފައި މިވަނީ، ނޫސްވެރިޔާ ޖަމާލް ޚަޝޯގީގެ މަރުގެ މައްސަލާގައި ސައުދީގެ ޝާހީ އާއިލާއާއި ސަރުކާރާ ދެކޮޅަށް ބައިނަލްއަގުވާމީ ފެންވަރެއްގައި ބޮޑެތި ފާޑުކިއުންތަކެއް އަމާޒުކޮށް، ފިއްތުންތަކެއް ކުރިމަތިކުރަމުންދާ ދަނޑިވަޅެއްގައެވެ.

ސައުދީ އަރަބިއްޔާއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރު ކަމުގެ މަގާމުގައި އެންމެ ފަހުން ހުންނެވީ ނުފޫޒުގަދަ ވަލީއަހުދުގެ ކޮއްކޯފުޅު އަމީރު ޚާލިދު ބިން ސަލްމާންއެވެ. މިހާރު އޭނާވަނީ ސައުދީގެ ދިފާއި ވަޒީރުގެ ނައިބުކަމުގެ މަގާމަށް ބަދަލުކުރައްވާފައެވެ.

އަމީރާ ރީމާގެ ބައްޕާފުޅު ބަންދާރު ބިން ސުލްތޯން އަލް ސައުދަކީވެސް ސައުދީގެ ސަފީރުކަން ކުރައްވާފައިވާ ބޭފުޅެކެވެ. އެގޮތުން އޭނާ ވަނީ ސައުދީއިން އެމެރިކާއަށް ކަނޑައަޅާފައި ހުންނަވާ ސަފީރުކަމުގެ މަގާމު 1983 ވަނަ އަހަރުން ފެށިގެން 2005 ވަނަ އަހަރުގެ ނިޔަލަށް އަދާކުރައްވާފައެވެ.

2005 ވަނަ އަހަރު އެމެރިކާ ދޫކުރައްވާ ސައުދީއަށް އެނބުރި ވަޑައިގެންނެވި އަމިރާ ރީމާއަކީ އަންހެނުންގެ ހައްގުތަކަށް ފާޅުގައި ވަކާލާތު ކުރައްވަމުން ގެންދެވި އެކްޓިވިސްޓެކެވެ. އެގޮތުން އެންމެ ފަހުން އޭނާ މަސައްކަތްކުރައްވާފައިވަނީ، ސައުދީގެ ކުޅިވަރު މައިދާނުގައި އަންހެނުންގެ ބައިވެރިވުން އިތުރުކޮށް، މި ރޮނގުން އަންހެނުން ކުރިއެރުވުމަށެވެ. މީގެ އިތުރުން އަމީރާ ރީމާއަކީ އުރަމަތީ ކެންސަރަށް މީހުން ހޭލުންތެރިކުރުމުގައި އިސްކޮށްހަރަކާތްތެރިވެވަޑައިގަންނަވާ އެކްޓިވިސްޓެކެވެ.