ގާނޫނީ ވަކީލާ އަދި ރައީސް ޔާމީނުގެ ސަރުކާރުގެ ލީގަލް އެފެއާޒް މިނިސްޓަރު އުސްތާޒާ އާޒިމާ ޝަކޫރުގެ ޕާސްޕޯޓު އޮތީ ހިފަހައްޓާފައި ކަމަށް ޕީއެންސީގެ ރައީސް އަބްދުއްރަހީމް ޢަބްދުﷲ ވިދާޅުވި ވިދާޅުވުން އިމިގްރޭޝަނުން ދޮގުކޮށްފިއެވެ.

އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު އަހުމްދު ހުސައިން (ހަނަފީ) ވިދާޅުވީ އާޒިމާގެ ޕާސްޕޯޓު ހިފަހައްޓާފައި ނުވާ ކަމަށެވެ.

އާޒިމާގެ ޕާސްޕޯޓު ހިފެހެއްޓުމުގެ ވާހަކަ ދައްކަމުން ދަނީ ރައީސް ޔާމީނު މަނީ ލޯންޑާ ކުރެއްވި މައްސަލައާ ގުޅިގެން ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދެއްވާފައިވާތީ އާޒިމާގެ މައްޗަށްވެސް ދައުލަތުން ދައުވާ ކުރަން ފޮނުވާފައި އޮތީމައެވެ. އާޒިމާގެ މައްޗަށް ޖުމްލަ ދެ ދައުވާއެއް ވަނީ އުފުލާފައެވެ. އެއް ދައުވާ އަކީ ދައުލަތުގެ މުއައްސަސާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ އެވެ. ދެވަނަ ދައުވާ އަކީ މަނީ ލޯންޑާ ކުރުމަށް މަގު މަފިކޮށްދިނުމުގެ ދައުވާއެވެ.

މަނީ ލޯންޑަރިންނާ ޓެރަރިޒަމަށް ފައިނޭންސް ކުރުން ހުއްޓުވުމުގެ ގާނޫނުގެ ދަށުން އާޒިމާގެ މައްޗަށް އުފުލާފައިވާ މަނީ ލޯންޑާ ކުރުމަށް މަގުފަހިކޮށްދިނުމުގެ ދައުވާ ސާބިތުވެއްޖެ ނަމަ 50،000 ރުފިޔާ އާއި 500،000 ރުފިޔާއާ ދެމެދުގެ އަދަދަކުން އޭނާ ޖޫރިމާނާ ކުރެވިދާނެ އެވެ. ނުވަތަ 2 އަހަރާއި 10 އަހަރާއި ދެމެދުގެ ޖަލު ހުކުމެއް އިއްވިދާނެއެވެ. ނުވަތަ ޖޫރިމާނާ ކުރުމާ އެކު ޖަލަށް ލުމަށް ވެސް ހުކުމް ކުރެވިދާނެއެވެ.

ރަސްމީ އިދާރާއަކަށް ދޮގު މައުލޫމާތު ދިނުމުގެ ދައުވާ ސާބިތު ވެއްޖެނަމަ އެއް އަހަރު ދުވަހުގެ ޖަލު ހުކުމެއް އައުން އެކަށީގެންވެއެވެ.

އެމްއެމްޕީއާރުސީ ހިޔާނާތުގެ މައްސަލައިގައި ގިނަ ބަޔަކު ބައިވެރިވާކަމަށް އޭސީސީގެ ތަހުގީގު ރިޕޯޓުތަކުން ފެންނަން އޮތް އިރު އެ ހިޔާނާތުގެ ފައިސާއިން މަންފާ ލިބުނު ބޭފުޅުންގެ ތެރޭގައި ކުރީގެ ރައީސް ޢަބްދުﷲ ޔާމީން ހިމެނިވަޑައިގަންނަވާކަން ސާބިތުވެ އެމަނިކުފާނުގެ މައްޗަށްވެސް ދަނީ ދައުވާ އުފުލި ޝަރީއަތް ހިނގަމުންނެވެ. އާޒިމާ އަކީ އޭރު ރައީސް ޔާމީނުގެ ލިގަލް އެޑްވައިޒަރެވެ.

އާޒިމާގެ ޕާސްޕޯޓު ހިފެހެއްޓި ވާހަކަ އަބްދުއްރަހީމް ދެއްކެވީ ކޮން މަގުސަދެއްގައި ކަން ނޭނގުނަސް އޭނާ ވިދާޅުވެފައިވަނީ ސަރުކާރާ އިދިކޮޅު ކޯލިޝަނުގެ އިސް ބޭފުޅުންނަށް ސަރުކާރުން އެކި ގޮތްގޮތުން ފިއްތުންތައް ކުރިމަތި ކުރަމުން ދާކަމަށެވެ.