އަންނަ އެޕްރީލް ހަ ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިހާބުގައި ވޯޓުލުމަށް ދޫކުރާ ވޯޓު ކަރުދާހުގައި ހިމެނޭ ސެކިއުރިޓީ ފީޗާގެ އިތުރަށް އެ ކަރުދާހުގައި އިލެކްޝްންސް ކޮމިޝަން (އީސީ) ގެ ހާއްސަ ތައްގަނޑެއް ޖަހާނެ ކަމަށް އެ ކޮމިޝަންގެ ރައީސް އަހުމަދު ޝަރީފް ވިދާޅުވެއްޖެއެވެ.

ޝަރީފް ވިދާޅުވީ ވޯޓު ކަރުދާހުގައި ހާއްސަ ތައްގަނޑެއް ޖަހަނީ، އިތުރު ޔަގީން ކުރުމެއް ހިމެނުމަށްޓަކައި ކަމަށެވެ. އަދި މިކަމުގެ ސަބަބުން ދިމާވާ އޮޅުންތައް ކުޑަކުރެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

"ކޮންމެ ވޯޓު ކަރުދާސްކޮޅެއް ދޫކުރުމުގެ ކުރިން އިލެކްޝަންސް ކޮމިޝަނުގެ ތައްގަނޑެއް ޖަހާނެ. އެއީ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު 2019 ގެ ހާއްސަ ތައްގަނޑެއް" ޝަރީފް ވިދާޅުވިއެވެ.

އޭނާ ވިދާޅުވީ ވޯޓު ކަރުދާހުގައި ހާއްސަ ތައްގަނޑު ޖެހުމުން، ވޯޓު ފޮށްޓަށްލާ ވޯޓު ކަރުދާހަކީ ސައްހަ ވޯޓު ކަރުދާހެއް ކަން ވޯޓު ފޮށީގެ ވެރިޔާއަށް ފަސޭހައިން ޔަގީން ވާނެ ކަމަށެވެ. އަދި މިއީ ނިމިގެން ދިޔަ ރިޔާސީ އިންތިހާބުގައި ދިމާވި ބައެއް ކަންކަމާއި ގުޅިގެން އެފަދަ ކަމެއް ތަކުރާރުވިޔަ ނުދިނުމުގެ ގޮތުން އަޅާ ފިޔަވަޅެއްގެ ގޮތުން ކަމަށެވެ.

"ތައްގަނޑުގެ ސަބަބުން އެބަ ޔަގީންވޭސް ފޮށްޓައް ވައްޓާލާ ކަރުދާސް ކޮޅަކީ ސައްހަ ކަރުދާސް ކޮޅެއްކަން. އެކަން އެގޮތަށް ކުރަން ނިންމާފައި ވަނީ ކުރީ އިންތިހާބުގައި ދިމާވި ކަންތައްތަކަށް ބަލާފައި،" ޝަރީފް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި 264،589 މީހަކަށް ވޯޓު ލުމުގެ ހައްގު ލިބިގެންވެއެވެ. ޝަރީފް ވިދާޅުވީ ވޯޓު ކަރުދާސް ޗާޕްކުރުމަށް އަންނަ ހަފްތާ ތެރޭގައި ބިޑަށް ހުޅުވާލާނެ ކަމަށެވެ.